އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކޮށްފި

އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީ އިން ދާދިދެންމެއަކު ނިންމައިފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުން ޖޭއެސްސީ އިން އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމި ޖަލްސާ ބާއްވާފައި ވަނީ ކުރިން ޝެޑިއުލް ކުރި ވަގުތަށްވުރެ ކުރިންނެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓުގައި މަސައްކަތް ކުރަށްވަން ފައްޓަވާނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ޖޭއެސްސީ އިން އިން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިމިނަލް ކޯޓުގެ ޢަބްދުﷲ މުޙައްމަދު 21 ފެބުރުއަރީ 2016 އިންފެށިގެން ފެމިލީ ކޯޓަށް ބަދަލުކުރުމަށް ނިންމާފައި ވަނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއާއި އެއްގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 47 އާއި ސުޕްރީމް ކޯޓުގެ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލުގެ ދަށުން އެކަމަށް އެދި ސުޕްރީމް ކޯޓުން ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ބޭއްވުނު ކޮމިޝަނުންގެ ބައްދަލުވުން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ހުށަހެޅީ ކޮން ހުށަހެޅުމެއް ކަމެއް ޖޭއެސްސީ އިން ވިދާޅެއް ނުވެއެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލު މިކުރީ ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރިތާ ހަފްތާއެއްވީ ދުވަހުއެވެ.
ވަރަށް "ނުފޫޒު ގަދަ" ފަނޑިޔާރެއްގެ ގޮތުގައި ބައެއް މީހުން ފާހަގަ ކުރާ އަބްދުﷲ ގާޒީ އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ.
ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަރަށް ގިނައިން އަމާޒުވާ އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން ޖޭއެސްސީ އިން 2013 ވަނަ އަހަރު ނިންމިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެކަން ހުއްޓުވުން އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ