މައުމޫން މަގާމުން ވަކިކުރުމުގެ އަމުރަކަށް އެދިއްޖެ

ޕީޕީއެމްގެ ރައީސްކަމުން، މައުމޫން އަބްދުލް ގައްޔޫމް ދުރުކުރުމުގެ އަމުރަކަށް، ކޯޓުގައި އެދިއްޖެއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވަނީ، އެ ޕާޓީގެ ކައުންސިލް ދެ މެމްބަރުން ކަމަށްވާ، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.
މި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ ރައީސްކަމުން މައުމޫން ދުރުކޮށް، ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތަށް ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ، ފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމްކޮށް އަމުރެއް ނެރެދިނުމަށެވެ.
ޕީޕީއެމްގެ ރައީސަކީ، އެޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ނަމަވެސް މައުމޫން ވަނީ އެ ގަވާއިދުތަކާއި ހިލާފުވެ، ޕާޓީގެ ގުނަވަންތައް ސަސްޕެންޑުކޮށްފައި ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މައުމޫން ހުއްޓުވާފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
މީގެއިތުރުން ޕީޕީއެމްގެ ކައުންސިލާއި އެ ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން، ރައީސް މައުމޫން އަންގަވާފައިވާ އެންގެވުމަށް، އަމަލުކުރުން މަޑުޖައްސައިލަން ސިވިލް ކޯޓުން ކޮށްފައިވާ އަމުރަށް، ޕީޕީއެމްއިން އަމަލުކުރަމުން ނުދާތީ އެ އަމުރު ތަންފީޒުކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް ވަނީ ހުށައަޅާފައެވެ.
މި މައްސަލަ ތާވަލުކޮށްފައިވަނީ، މާދަމާ މެންދުރު 15:30 އަށެވެ.
ޕީޕީއެމްއަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ، ކޯޓަށް ޕީޕީއެމްގެ ފަރާތުން ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި، މައްސަލަ ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ