ގާޒީ ހައިލަމް ފުރައިގެން ދިއުމުގެ ފުރުސަތު ދީގެން ނުވާނެ - ޝިފާއު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ރާއްޖެއިން ފުރައިގެން ބޭރަށް ދިއުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުން ގިނަ ރައްޔިތުން މަރުހާބާ ކިޔާ ކަމަށާއި އެހެން ނަމަވެސް އެހިސާބުން އެކަން ނިންމާލުން އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ޝިފާއު ވިދާޅުވީ، އިސް ގާޒީ ހައިލަމް ރާއްޖެއިން ފުރައިގެން ދިއުމުގެ ފުރުސަތު އެއްވެސް ގޮތަކަށް ދީގެން ނުވާނެ ކަމަށާއި ޖުޑިޝަރީ ސާވިސް ކޮމިޝަނަށް އެކަން ނުހުއްޓުވޭނަމަ ހުއްޓުވޭ މުއައްސަސާ ތަކާއި ހަވާލު ކުރުމަށެވެ.
"ގާޒީ ހައިލަމް މި ގައުމުން ފުރައިގެން ދިޔުމުގެ ފުރުސަތު ދީގެން ނުވާނެ. ޖޭއެސްސީ އަށް އެކަން ނުހުއްޓުވޭނަމަ، ހުއްޓުވޭނެ މުއައްސަސާތައް މި ގައުމުގައި އެބަހުރި" ޝިފާއު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން އެދެނީ ދިވެހި ފުލުހުނަށް އެމައްސަލަ ހުށަހަޅައިގެންވިއަސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ރާއްޖެ ދޫކޮށް ދިޔަ ނުދީ ހިފެހެއްޓުން ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
"ފުލުހުންނަށް ހުށަހަޅައިގެން ނަމަވެސް ފިލައިގެން ހައިލަމް މި ގައުމުން ދިޔަނުދީ ހިފެހެއްޓުމަކީ މިއަދު މި ގައުމުގެ ރައްޔިތުން އެދޭ އެދުން" ޝިފާއު ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގައި އިސް ގާޒީ އަހުމަދު ހައިލަމް ވައިބާ ގްރޫޕަށް ލާފައިވާ ފޮޓޯ އަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ އޭނާ އާއި ދެކޮޅަށް އަޑު އުފުލައި ސަސްޕެންޑް ކުރުމަށް ގޮވާލާފައެވެ.
ގާޒީ ހައިލަމް ވައިބާ ގްރޫޕަށް ލާފައިވާ ފޮޓޯ އާއި ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަނުން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނަށް ހާޒިރުވާން އެންގުމުން ހާޒިރު ނުވެ ދީފައިވާ އެ ސަބަބަކީ މަގުބޫލު ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖޭއެސްސީން ބުނެ ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ