ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގެކޮޅަށް ގެއްލުން ދިން މައްސަލަ ޖޭއެސްސީން ކުށްވެރިކޮށްފި

ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ގެއްލުން ދީ، ބިރުދައްކާ، އިންޒާރުދިން މައްސަލަ ޖޭއެސްސީއިން ކުށްވެރިކޮށްފިއެވެ.
Advertisement
ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ގެއްލުން ދީ، ބިރުދައްކާ، އިންޒާރުދިން މައްސަލަ ޖޭއެސްސީއިން ކުށްވެރިކޮށްފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ގެއްލުންދީ، އޭނާއަށް އިންޒާރުދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެ އަމަލު ހިންގި ފަރާތްތައް ހޯދާ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސްކަމާއި އެކު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
އަދި ގާޒީ އަލީ ރަޝީދާއި އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުންދާ ގޮތް އެ ކޮމިޝަނުން ކައިރިން ބަލަމުންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ގާނޫނުއަސާސީއާއި ހަވާލާދީ ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަކީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްސުބުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއް ކަމަށެވެ.
އެހެން ކަމުން ފަނޑިޔާރުންގެ މުސްތަގިއްލުކަމާއި މިނިވަން ކަމަށް އަސަރުކުރާފަދަ އަދި ފަނޑިޔާރުގޭގެ އިތުބާރާމެދު މުޖުތަމައުގައި ޝައްކާއި ވަހުމު އުފެދޭފަދަ އަދި ޝަރުއީ ނިޒާމުގެ ހައިބަތާއި ގަދަރު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ފަނޑިޔާރުން އަދާކުރަމުންދާ ދޫސްތޫރީ އަދި ޝަރުއީ މަތިވެރި ޒިންމާ އަދާކުރުމަށް އެކިފަރާތްތަކުން ކުރިމަތިކުރާ ނުރައްކާތެރި ނުފޫޒުތަކާއި ބިރުވެރި ހަމަލާތަކުން ފަނޑިޔާރުންނާއި މުޅި ޝަރުއީ ނިޒާމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި އަދި ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދިނުމަށްޓަކައި ހާއްސަ އަހަމިއްޔަތު ކަމެއް ދީގެން އެ ކޮމިޝަނުން ކުރާ މަސައްކަތް އެގޮތުގައި ކުރަމުންދާނެ ކަމުގެ ޔަގީން ކަން ޖޭއެސްސީން ވަނީ ދީފައެވެ.
ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީ އަލީ ރަޝީދާއި ހަވާލުކޮށްފައިވަނީ އިސްގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ