ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.
ފަނޑިޔާރު ޣަނީ މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހެޅުމުގެ އިތުރުން އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރަން ވެސް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ އާއި ބެހޭ ގޮތުން ޖޭއެސްސީ އިން ތަޙްޤީޤު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި ސުރުޢީ ދާއިރާގެ އިތުރުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ކޮމިޝަނުގައި މިއަދު ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.
ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ 28 ޖޫން 2018 ގައެވެ. އެއީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރަށް ފަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ދުރުކުރުމަށް ފަހުއެވެ.
ފަނޑިޔާރު ޣަނީ ޝަރުޢީ ދާއިރާގެ މަސައްކަތް ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު މަދަނީ ކޯޓުގެ ގާޟީ ކަމުންނެވެ. 2004 ވަނަ އަހަރާއި ހަމައަށް އެމަގާމުގައި ހުންނެވުމަށް ފަހު ދެން އޭނާ ބަދަލުވެވަޑައިގެންނެވީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ޣަނީ ކުރެއްވެވިއެވެ. 2008 އިން 2018 އަށް ޣަނީ ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ ވަކިކުރަން ހުށަހަޅަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ