ނަޝީދަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބޭނެ - އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދާއިރު، ޖަލުގައި އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން އަރުވާކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އުމަރު ވަނީ ރައީސް ނަޝީދު ޖަލުގައި ހުންނަވާއިރު، އެމަނިކުފާނާ މެދު އަމަލުކުރަމުންދާނީ އިހުތިރާމްއާއެކު ކަމަށްވެސް މި ޓްވީޓްގައި ވިދާޅުވެފައެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ، ރައީސް ނަޝީދު ބަހައްޓަވާ ޖަލު ގޮޅި ހަދަނީ އިންސާނުން ބައިތިއްބަން ކަމުނުދާ ތަނެއްގައި ކަމަށް، ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މާފުށީ ޖަލުގައި ހާއްސަ ޔުނިޓެއް ހެދެންދެން ރައީސް ނަޝީދު މިވަގުތު ބަހައްޓާފައި ހުރީ ދޫނިދޫގައެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރެއްވި ޓެރެރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ