ރައީސްކަމުގެ މަތީ އުމުރު ކަނޑައަޅައިގެން ރައީސް ޔާމީން ވާނީ ބަދުނާމު - މައުމޫން

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމަށް ކުރިމަތިލާ މީހުންގެ އެންމެ މަތީ އުމުރެއް ކަނޑައެޅުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން ކަމަށާއި، "އެ ކަމުން ރައީސް ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ" ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ވައިބަރ މެދުވެރިކޮށް ފޮނުވާފައިވާ މެސެޖެއްގައެވެ. މި މެސެޖުތައް މިރޭ މީޑިޔާގައި ވަނީ އާންމު ވެފައެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ޤާނޫނު އަސާސީއަށް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ،  ރައީސްއާއި ނާއިބު ރައީސްގެ މަޤާމަށް ކުރިމަތިލެވޭނީ 35 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެކަނި ކަމަށެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާއިންވެސް މިހާރު ވަނީ ފާސްވެފައެވެ.
މިރޭ އާންމުވެފައިވާ ވައިބަރ މެސެޖުތަކުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އުމުރު ކަނޑައެޅުމާ ބެހޭ އިސްލާހެއް ހުށަހެޅުމަކީ "އެއްގޮތަކަށްވެސް ފެންނަ ކަމެއް ނޫން" ކަމަށެވެ. އަދި މިކަމުން ރައީސް ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށާއި، އަދި މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ކުރާ ގޮތެއް ނޫންކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
ޖަވާބުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ނިހާން ވިދާާޅުވެފައިވަނީ އެދުވަހުގެ 12:30 ގައި އޮންނަ ޕީޖީގެ މީޓިންގގައި ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ވޯޓަށް އަހާނެ ކަމަށާއި، ނިންމުން ރައީސް މައުމޫނަށް އަންގަވާނެ ކަމަށެވެ. ފަހުން ނިހާން ވަނީ، އިސްލާހު ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީޖީއިން ނިންމި ކަން މައުމޫންއަށް އަންގަވާފައެވެ.
ޖަވާބުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ "ޕީޕީއެމްގެ ރައީސަކަށް ބަސް ނުވިކޭ މީހަކު ހުރުމުގެ މާނައެއް ނެތް" ކަމަށެވެ.
ރައީސްއާއި ނާއިބު ރައީސްގެ އުމުރު ކަނޑައެޅުމުގެ އިސްލާހު  ހުށަހެޅިފައިވާ މި ދަނޑިވަޅުގައި ދެކެވޭ އެންމެ ބޮޑު ވާހަކައަކީ، ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު އެމަޤާމުން ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅަކު އެމަޤާމަށް އައްޔަން ކުރުމުގެ އިޚްތިޔާރު ރައީސަށް ލިބޭ ގޮތް ހެދުމުން ދެން ނާއިބު ރައީސްގެ މަޤާމަށް އައްޔަން ކުރާނީ ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ކަމަށް ދައްކާ ވާހަކައެވެ.
ޖޫން ނުވަ ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަރަށް ސާފު ސީދާކޮށް ވަނީ “ބޭނުމަކީ ނާއިބު ރައީސް ބަދަލުކުރުން” ކަމަށާއި، “އަޅުގަނޑުމެން އެކަން ފޮރުވަން އުޅޭނެ ކަމެއް ނެތް” ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ