މަހިބަދޫ އަދި ނިލަންދޫ ދާއިރާގެ އޭޕީގެ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ތާއީދު؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަހިބަދޫ ދާއިރާއަށާއި، ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނިންމައިފިއެވެ.
އެމްޑީޕީން މި ނިންމުން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ބުނީ އެޕާޓީން 86 ދާއިރާއަކަށް ވާދަކުރަންވަނީ ނިންމާފައިވީނަމަވެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އަދާލަތު ޕާޓީއިން ތާއީދުކުރުމަށް ނިންމަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އެކަމަށް މަރުހަބާ ކިޔާކަމަށެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް އެ ޕާޓީއިން ތާއީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ،
އަދި އަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި، ހިންގާފައިވާ ޚިޔާނާތާއި، ވައްކަމާއި ދެކޮޅަށް އެމްޑީޕީއާއެކު ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެއްކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.
މަހިބަދޫ ދާއިރާއަށާއި، ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެމްޑީޕީން ނިންމާފައިވާއިރު، ނިލަންދޫ ދާއިރާއަކީ އެމްޑީޕީން ކުރިން ވާދަނުކުރަން ނިންމި ހަމައެކަނި ދާއިރާއެވެ. އެމްޑީޕީގެ ތާއީދު ވަރަށް ކުޑަ އެ ދާއިރާއަށް އެޕާޓީގެ ޓިކެޓް އެއްވެސް ބޭފުޅަކަށް ދީފައިނުވާއިރު، މަހިބަދޫ ދާއިރާގެ ޓިކެޓް އެމްޑީޕީން ދީފައިވާ އަލީ އަހްމަދުގެ ނަން އަބުރާ ގެންދިއުމަށް އޭނާ ވަނީ ހުށައަޅާފައެވެ.
މަޖިލީސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ގުޅިގެން ވާދަކުރަން ކުރިން އެއްބަސްވިނަމަވެސް، އެމްޑީޕީން ވަނީ އެ އެއްބަސްވުމާއި ޚިލާފުވެފައެވެ. ނަމަވެސް އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާއެކު މަޝްވަރާތަކެއްކޮށް، އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ނެރޭ ދާއިރާތަކަށް އެމްޑީޕީގެ ތާއީދު ހޯދުމަށް މަޝްވަރާތަކެއްކޮށްފައެވެ.
މަޖިލީސް އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރަނީ 8 ދާއިރާއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ