ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅޭ ހުކުމް ބަންޑާރަނައިބުގެ އޮފީހުން އިސްތިއުނާފުކޮށްފި އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ގާސިމް އިބްރާހީމް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
"ގާސިމް އިބްރާހީމް ގައިގާ ހުރި ބައްޔެއް ދެނެގަތުމަށްޓަކައި ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ގާސިމް އިބްރާހީމް ބެއްލެވި ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް ގާސިމް އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، މިމައްސަލާގައި ގާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުން ދިޔަ ނަމަވެސް އަދި ގާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒު ކުރުމަކީ ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް އިބްރާހީމް ބެއްލެވި ޑޮކްޓަރު ލަފާ ދެއްވާފައިވާ ޓެސްޓްތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ގާސިމް އިބްރާހީމަށް ލިބުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އެ ފަރުވާތައް ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ގާސިމް އިބްރާހީމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މިގަޟިއްޔާ ނިންމީ އެވެ." ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައިވެ އެވެ.
ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރާ ފަރާތަކީ ޕްރޮސެކިއުޓާ ޖެނަރަލް ކަމަށްވީ ނަމަވެސް މިމައްސަލަ އިސްތިއުނާފް ކުރީ ބަންޑާރަނައިބްގެ އޮފީހުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް މިމައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަން އަދި އެނގިފައެއް ނުވެ އެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުވައިދިނުމަށް އަންގާ ނެރުނު އަމުރާ ގުޅޭ ހުކުމް އިސްތިއުނާފް ކޮށްފައި މިވަނީ ގާސިމްގެ ބޭސްފަރުވާއަށް ސަރުކާރުން ހުރަސް އަޅަމުން ނުދާ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ވަގުތެއްގަ އެވެ.
ހިތުގެ އާލާސްކަންފުޅެއްގައި ގާސިމް އައިޖީއެމްއެޗްގައި އޮންނެވިއިރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އައިޖީއެމްއެޗަށް ވަޑައިގެން ގާސިމާ ބައްދަލުކުރައްވާފައި ވެސް ވެ އެވެ. ނަމަވެސް މިބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުވައިދިނުމަށް އަންގާ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ނެރުނު އަމުރާ ގުޅޭ ހުކުމް އިސްތިއުނާފް ކޮށްފައި މިވަނީ ކޯޓު ހުކުމަށްފަހު ވެސް ގާސިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުން ހުއްޓުވާފައިވާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކުރައްވާ ގާސިމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމަށް ގާސިމްގެ އާއިލާ އިން ދައުލަތުގެ މުއައްސަސާތަކުގައި އާދޭސް ދަންނަވަމުން ގެންދަވަނިކޮށެވެ.
ސަރުކާރުން މީގެ ކުރިން ބުނީ ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރަށް ފޮނުވާލުން ލަސްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ކޯރަމް ހަމަނުވެގެން ބޯޑު ބައްދަލުވުމެއް ނުބޭއްވި ލަސްވާތީ ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ ގާސިމްގެ އާއިލާ އިން ބުނީ ގާސިމަށް ރާއްޖެއިން ބޭރުން ލިބިވަޑައިގަންނަވާ ޖެހޭ ސިއްހީ ފަރުވާ ލިބުން ލަސްވާނަމަ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މެޑިކާ ކްލިނިކާއި، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭއާއި، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ވަނީ ގާސިމް އިބްރާހީމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ފޮނުވަން ލަފާ ދެއްވާފަ އެވެ.
ގާސިމް އިބްރާހީމް މިހާރު އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އޮތް ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެން ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓުމުންނެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުވައިދިނުމަށް އަންގާ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފް ކުރުމާ ގުޅިގެން ގާސިމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭ ގޮތެއް ހަމަނުޖެހި، ގާސިމް ޖަލަށް ބަދަލުކުރުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުވަން ނެރުނު އަމުރާ ގުޅޭ ހުކުމް އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ