ތުރުކީގެ އިދިކޮޅު މައި ޕާޓީ ބަލިކަށިވެ ދެ ލީޑަރުންގެ ކޯޅުމެއްގައި

ތުރުކީގެ އިދިކޮޅު މައި ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އުވާލުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވުމަށް އެ ޕާޓީގެ މަގާމުން ވަކިކޮށްފައިވާ ލީޑަރު އޮޒްގޫރު އޮޒެލް އަންގާރަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފި އެވެ.
ނަމަވެސް އޮޒެލްގެ ބަދަލުގައި ޕާޓީގެ ލީޑަރުކަމަށް ކޯޓުން އައްޔަންކުރި ކަމާލް ކިލިޗްދަރޮގްލޫ ވަނީ ޕާޓީގެ ތެރޭގައި ހުރި "ނަޖިސްތައް ފޮޅާލައި ސާފުކުރާނެ" ކަމަށް ވިދާޅުވެ، އިދިކޮޅު އިއްތިހާދު ބަލިކަށިވެފައި އޮތް މިންވަރު ހާމަކުރައްވާފަ އެވެ. 
ތުރުކީގެ ކޯޓަކުން މިދިޔަ މަހު ވަނީ، އޮޒްގޫރު އޮޒެލް ޗެއާމަންގެ މަގާމަށް އިންތިޚާބުކުރި ސީއެޗްޕީގެ 2023 ވަނަ އަހަރުގެ ކޮންގްރެސް ބާތިލުކޮށްފަ އެވެ. ކޯޓުން މި ނިންމުން ނިންމީ ކޮންގްރެސްގެ ތެރޭގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ތައްޔިބު އުރުދުޣާން އަތުން ބަލިވި، ސީއެޗްޕީގެ ކުރީގެ ލީޑަރު ކަމާލް ކިލިޗްދަރޮގްލޫ އަލުން އެ މަގާމަށް އައްޔަންކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސިޔާސީ ނުފޫޒު އޮތް ނިންމުމެއްގެ ގޮތުގައި ފާޑުކިޔުންތެރިން ސިފަކުރާ ކޯޓުގެ މި ނިންމުމާއެކު، ތުރުކީގެ މާލީ ބާޒާރަށް ލޮޅުން އަރައި، އެ ގައުމުގެ ޑިމޮކްރަސީ އާއި ގާނޫނުގެ ސިޔާދަތާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ތުރުކީގައި އުރުދުޣާން ވެރިކަން ކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އިދިކޮޅު ޕާޓީއަށް ކުރިމަތިވެފައިވާ މި ގޮންޖެހުންތަކުގެ ސަބަބުން އޭނާގެ ވެރިކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ. ތުރުކީގެ ރިޔާސީ އިންތިޚާބު 2028 ވަނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ސީއެޗްޕީގެ ތެރޭގައި އުފެދިފައިވާ މި ހަމަނުޖެހުމުގެ ފައިދާ ސަރުކާރުން ނަގައިފިނަމަ، އިންތިޚާބު މާ އަވަހަށް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެނެލިސްޓުން ބުނެ އެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އުރުދުޣާންގެ އޭކޭ ޕާޓީއާ ދާދި އެއްވަރަކަށް ތާއީދު އޮތް ސީއެޗްޕީއަށް، 2024 ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގެ ފިއްތުންތައް ވަނީ ކުރިމަތިވެފަ އެވެ. ކޮރަޕްޝަންގެ ތުހުމަތުގައި އެ ޕާޓީގެ އެތައް ސަތޭކަ މެންބަރުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ޕާޓީން އެ ތުހުމަތުތައް ދޮގުކުރެ އެވެ.
ސީއެޗްޕީން ހިންގާ މުނިސިޕަލްޓީތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި، ކިލިޗްދަރޮގްލޫ ވިދާޅުވީ އޭނާ ޕާޓީ ކޮރަޕްޝަނުން ސާފުކުރައްވާނެ ކަމަށެވެ. މަގާމުން ވަކިކުރި ލީޑަޝިޕުން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ، މިއީ ސިޔާސީ މަގްސަދެއްގައި ޑިމޮކްރަސީއާ ޚިލާފަށް ގެންނަން އުޅޭ "ބަޣާވާތެއް" ކަމަށެވެ.
ސަރުކާރުން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ ތުރުކީގެ ކޯޓުތަކަކީ މިނިވަން މުއައްސަސާތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ