އަފްގާނިސްތާން-ޕާކިސްތާން އަކީ ބްރެޒިލް-އާޖެންޓީނާ ކަހަލަ ކުރިމަތިލުމެއް: ނޮގޭރާ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލުގައި އަފްގާނިސްތާން އާއި ޕާކިސްތާން ބައްދަލުކުރާއިރު، މިއީ، ބްރެޒިލާއި އާޖެންޓީނާ ކަހަލަ، އެއް ގައުމު އަނެއް ގައުމާ ވާދަވެރިކަން ބޮޑު ކުރިމަތިލުމެއް ކަމަށް އަފްގާނިސްތާންގެ ކޯޗު، ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ. 
ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ އަފްގާނިސްތާން އާއި ޕާކިސްތާން ބައްދަލުކުރާއިރު، މި ދެ ޓީމުން. ލީގު ބުރުގައި ކުޅުުނު ފަހު މެޗުގައި ވެސް ނުކުތީ އެއް ޓީމު އަނެއް ޓީމާ ދެކޮޅަށެވެ. އެ މެޗުން ޕާކިސްތާން ވަނީ 2-0 އިން އަފްގާނިސްތާން ބަލިކޮށްފަ އެވެ. 
ފައިނަލުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އަފްގާނިސްތާންގެ ކޯޗު ނޮގޭރާ ވަނީ އެ ޓީމުގައި ވެސް އޮތް ސްކޮޑަކީ މެޖޯރިޓީ އަށް ބަލާއިރު، 23 އަހަރުން ދަށުގެ ޓީމެއް ކަމަށާއި ޒުވާން ކުޅުުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން ފައިނަލަށް އާދެވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި، މުބާރާތް ކުރިއަށް ދިޔަ ގޮތަށް ބަލާއިރު، އެއް ވަނަ ޓީމުގެ ގޮތުގައި ޕާކިސްތާން ފައިނަަލަށް ދިއުމަކީ އެ ޓީމަށް ރަނގަޅެއް ކަމަށާއި އެހެން ނަމަވެސް އަފްގާނިސްތާނުން ފައިނަލަށް ނުކުންނާނީ، ބަދަލު ހިފުުމުގެ ރޫހާ ވެސް އެކީގައި ކުރިން ގޯސްކޮށްދިޔަ ކަންކަން ރަނގަޅުކުރުމަށް އަމާޒުކަނޑައަޅައިގެން ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. 
"ވަރަށް ސިމްޕަލް ޖަވާބެއް އެބައޮތް މި ހުރިހާ ކަމަަކަށް، ފައިނަލަކީ ފައިނަލު. އެހެން ހުރިހާ މެޗުތަކާ ތަފާތުވާނެ. އެހެންވީމަ، ފުރުސަތު އޮންނާނެ ކޮންމެ ބަޔަކަށް ވެސް،" ކުރިން ޕާކިސްތާނަށް 2018 އާއި 2019 ގައި ކޯޗުކޮށްދިން ނޮގޭރާ ބުންޏެވެ. 
"ބުނެވިދާނެ، ވާދަވެރިކަމުގެ ގޮތުންނަަަމަ، ދެކުނު އެމެރިކާގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ގޮތަށް މި ތަނުގައި، މި އޮތީ އަފްގާނިސްތާނާއި ޕާކިސްތާންގެ ކުރިމަތިލުމޭ،" 
އަފްގާނިސްތާނަށް ލީގު ބުރުގައި ގޯސްކޮށް ދިޔަ ކަންތައްތައް ފައިނަލް މެޗުގައި ރަނގަޅު ކުރަން މަސައްކަތްކުރާއިރު، އެ ޓީމުގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރިއަށްދާން މި މުބާރާތުން ވެސް ފުރުސަތު ލިބިގެންދިޔަ ކަމަށް ނޮގޭރާ ވަނީ ބުނެފަ އެެވެ.  މި މުބާރާތުގެ ކުރިން އެންމެ ދެ މެޗުގައި އަފްގާނިސްތާނާ އެކު މަސައްކަތް ކޮށްލަން ލިބުނު ނަމަވެސް، 10 ވަރަކަށް ދުވަސް ތެރޭ ހަތަރު ވަނަ މެޗެއް މި ޓީމާ އެކު ލިބިގެންދިއުމަކީ، މުސްތަގުބަލަށް ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގެ ތެރޭގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ނޮގޭރާ ބުނެފައިވެ އެވެ. 
ޕާކިސްތާންގެ ކޯޗު ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ބުނީ، ނޮގޭރާ ޝުއޫރުފާޅުކުރި ގޮތަށް މިއީ ބްރެޒިލާއި އާޖެންޓީނާ މެޗެކޭ އޭނާ އަށް ބުނެވެން ނެތް ކަމަށާއި، އޭނާ އަކީ ޕެރޫ އަށް ނިސްބަތްވާ މީހެއް ކަމަށެވެ. 
ކްރިކެޓަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ގައުމެއް ގޮތަށް އޮތް ޕާކިސްތާންގެ ފުޓްބޯޅަ ޓީމާ ހަވާލުވެގެން މިހާތަނަށް އައިއިރު ކުރެވުނު މަސައްކަތާއި އެ ޓީމާ ހަވާލުވެ، މި މުބާރާތުން ޗެމްޕިއަންކަން ހޯދުމަށް ފުރުސަތު އޮތުމަކީ، ޕާކިސްތާންގެ ފުޓްބޯޅައާ މެދު އުންމީދުކުރެވިދާނެކަން ސާބިތުކޮށްދެވުނު ކަމެއްގެ ގޮތުގައި ސޮލާނޯ ފާހަގަކުރި އެވެ. 
"އެކަމަކު، މިހާ ހިސާބުން ނިންމާލަނީކީ އެއް ނޫން. އަހަރެމެން ފައިނަލުން މޮޅުވާން ބޭނުން މި ތަށި ބޭނުން،" ސޮލާނޯ ބުންޏެވެ. 
ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި ތިން ދަރަޖަ ކުރިއަށް ޖެހިލައި، ގިނަ ޒަމާންތަކަކަށް ފަހު، ފީފާގެ ގަދަ 200 ގައުމުގެ ތެރޭގައި ޕާކިސްތާން ހިމެނިފައިވާއިރު، ސޮލާނޯ އަމާޒުކަނޑައަޅައިގެން ހުރީ ޑައިމަންޑް ޖުބިލީ މުބާރާތާއި ނޮވެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕުން ޕާކިސްތާން ޓީމުގެ ކަންކަން އިތުރަށް ފުރިހަމަކޮށް، އޭޝިއަން ކަޕަށް ކޮލިފައިވާން މަސައްކަތް ކުުރުމެވެ. 
"ޑްރީމަކީ އޭޝިއަން ކަޕް، އެނގޭ ވަރަށް އުނދަގޫ ކަމެއްކަން. އެކަމަކު، އަމާޒެއް އޮވެގެން މަސައްކަތްކުރަންޖެހޭއިރު، އަހަރެން ބޭނުމީ އެކަން ހާސިލްކުރަން (އޭޝިއަަން ކަޕަށް ކޮލިފައިވާން)،" ސޮލާނޯ ބުންޏެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަަލަށް މެޗަކުން ބަލިނުވެ، ބައިކޮޅަށް ގޯލެއް ނުވަދެ، ޕާކިސްތާނުން ދަތުރުކުރި ނަމަވެސް، ސޮލާނޯ ބުނީ، މީގެ ކުރިން ކުޅުނު މެޗުތަކާ މުޅިން ތަފާތު މެޗަކަށް ފައިނަލް ވާނެ ކަމަށާއި ކުޅުންތެރިން މެންޓަލީ ތައްޔާރުވާން ޖެހޭ ކަންކަމަށް ވެސް ވިސްނައިދޭނެ ކަމަށެވެ. 
ޕާކިސްތާން އާއި އަފްގާނިސްތާން ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ