ވެރިކަމަށް ކުރިމަތިލާން ބޭނުންނަމަ އެ ފުރުސަތު ލިބޭނެ: ގާސިމް އިބްރާހިމް

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުނަމަ އެ ފުރުސަތު އޮންނާނެކަމަށާ ރިޔާސީ އިންތިޚާބުން ފުރުސަތު ނެތް އިރެއް ނުދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޖަރުމަންވިލާތުގައި ހުންނަވައިގެން ވީމީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބުން އެމަނިކުފާނަށް ފުރުސަތު ނެތް އިރެއް ނުދާނެކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީއަށްވެސް އެޕާޓީން ބޭނުންވާ ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު އޮންނާނެކަމަށާ ރާއްޖޭގެ ގާނޫނު އަސީސީ ވަރަށް ސާފުކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިވަގުތު މަސައްކަތް ކުރަމުންދަނީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށްކަމަށާ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއީ ބަޔަކު ކިތަންމެ ބިރުގަންނަކަމަކަށްވިޔަސް އެ މަސައްކަތް މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބު ކުރާނެކަމަށެވެ.
"އަޅުގަނޑަށް ފުރުސަތެއް ނެތް އިރެއް ނުދާނެ. އަޅުގަނޑު ވެރިކަމަށް ކުރިމަތިލާން ބޭނުންވެއްޖެނަމަ އަޅުގަނޑަށް ކުރިމަތިވެސްލެވޭނެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ވަރަށް ސާފު. އަދި އަޅުގަނޑުމެންގެ ޖުމްހޫރީ ޕާޓީއަށްވެސް އެ ފުރުސަތު ނުލިބިއްވެސް ނުދާނެ. ދެން އަޅުގަނޑުމެން މިހާރު ނިންމައިގެން ހަތަރު ލީޑަރުން މަސައްކަތް ކުރަމުންމިދަނީ އެއް ކެންޑިޑޭޓަކު ނެރުމަށް. އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތް ދާނީ ކުރިއަށް. ބަޔަކު ކިތަންމެ ބިރުގަތް ނަމަވެސް." ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އިސްލާހީ މަސައްކަތުގައި ހުރީ ސާބިތުވެކަމަށާ އިސްލާހީ މަސައްކަތަކީ ގައުމާއި، ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވާ މަސައްކަތެއްކަމަށެވެ. އަދި ގުޅިފައިވާ ލީޑަރުންނާއި ޕާޓީތައްވެސް އޮތީ އެގޮތުގައިކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި ހަމަޖެހުމާއި، އަދުލުއިންސާފު ގާއިމުވެފައި އޮތުމަކީ ހުރިހާ ރައްޔިތުންގެ ހައްގުގައިކުރަންޖެހޭކަމެއްކަމަށާ ހަމަޖެހުމާއި، އަދުލުއިންސާފު ގާއިމުވުމުން އެކަމުގެ މަންފާ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އެމަނިކުފާނަށްވެސް ލިބިވަޑައިގަންނަވާނެކަމަށެވެ.
"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މަންފާއާއި ފައިދާ ލިބޭކަމަށްވާނަމަ އަޅުގަނޑަށްވެސް ލިބޭނެ. އަޅުގަނޑަށްވެސް އިންސާފު ލިބޭނެ." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ