ހައި ކޯޓުން ވެސް އޮންލައިންކޮށް ޝަރީއަތްތައް ބާއްވަނީ

ހައި ކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް އޮންލައިންކޮށް ލައިވް ކުރުމަށް އެ ކޯޓުން ނިންމައިފިއެވެ.
ހައި ކޯޓުން ކުރި ޓުވީޓެއްގައި ވަނީ މީސްމީޑިއާ އިން ލައިވްކޮށް ބާއްވާ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މިއަދު ހެނދުނު 11.30 ގައި އޮންނާނެ ކަމަށެވެ. އެ ކޯޓުގައި ތާވަލްކޮށްފައި ވަނީ އަމިއްލަ މީހަކު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ މައްޗަށް ކުރި ދައުވާއެއްގެ މައްސަލައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ކުރުމާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން ހައިކޯޓުން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވާތީ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލެއް ވަނީ އާންމުކޮށްފައެވެ.
ހައިކޯޓުން ޝަރީއަތް ލައިވްކުރަން ނިންމިއިރު ސުޕްރީމް ކޯޓާއި ބައެއް އެހެން ކޯޓުތަކުން ވެސް ވަނީ އޮންލައިންކޮށް ޝަރީއަތްތައް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ