24 ގަޑިއިރު ކަރަންޓު ދިނުމަށް ބިޑް ކާމިޔާބު ކުރި ފަރާތްތަކަށް ފެނަކައިން ޕްރޮޖެކްޓް ހަވާލު ކޮށްފި

ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބިދިނުމުގެ ސްކީމުގެ ދަށުން، 3 ބިޑެއް ކާމިޔާބު ކުރި ފަރާތްތަކަށް ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން މިއަދު ޕްރޮޖެކްޓް ހަވާލު ކޮށްފި އެވެ.
މިއަދު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތުގައ، މި ކުންފުނި ތަކަށް ޕްރޮޖެކްޓް ހަވާލު ކޮށްދިނީ ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް އެވެ.
އެގޮތުން، 78 ރަށްތަކަށް ޖެނެރޭޓަރު ހޯދުމުގެ ބިޑް ކާމިޔާބު ކުރީ ޗައިނާގެ ފުޖިޔާން ޔާނާންް ޕަވަރ ކޮމްޕެނީ ިލިމިޓެޑުންނެވެ. އަދި، ކަރަންޓު ދިސްޓްރިބިއުޝަން ފޮށިތަކާއި ބެހޭ ބިޑް ރާއްޖޭގެ ޕަވަރ އެންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވިފައިވާ އިރު، މަސައްކަތްތަކަށް ބޭނުންވާ ކޭބަލްތަކާއި ބެހޭ ބިޑް ހަވާލު ކުރެވިފައި ވަނީ ސްރީލަންކާގެ ކެލާނީ ކޭބަލްސް ލިމިޓެޑަށެވެ.
މި ރަސްމިއްޔާތަށް ފަހު މީޑިޔާއަށް މާއުލޫމާތު ދެއްވަމުން، ފެނަކަ ކޯރޕަރޭޝަންގެ ކަންތައްތައް ބައްލަވަމުން ގެންދަވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވިދާޅުވީ، މި މަސައްކަތުގެ ބިޑިންގ ޕްރޮސެސް އަކީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދިޔަ ޕްރޮސެސްއެއް ކަމަށާއި، މިއީ ސަރުކާރުން ހިންގާ ވަރަށް މުހިންމު މަޝްރޫޢުއެއް ކަމަށެވެ.
އަދި، މި މަސައްކަތަކީ ބަޖެޓުގައި ނުޖަހައި، ބަޖެޓުގެ ބޭރުން ފައިސާ ހޯދައިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ. އެގޮތުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ އިޤްތިސާދީ މާހިރެއް ކަމުން، އެމަނިކުފާނުގެ ލަފާގެ މަތިން ބަޖެޓުން ބޭރުން ފައިސާ ހޯދުމުގެ މަގު ވަނީ ހޯދިފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ މަޝްރޫޢު ހިންގާ ފަރާތްތަކާ ވަރަށް އަވަހަށް ހަވާލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަޖެޓުގައި ނުޖަހައި ފައިސާ ހޯދަނެ ގޮތް އިނގޭ. ރައީސުލްޖުމްހޫރިއްޔާއަކީ އިކޮނޮމިސްޓެއް. އެމަނިކުފާނުގެ އިރޝާދާއި އެކު މި ފައިސާ ވަނީ ހަމަޖައްސާފައި، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި މިކަމަށް ބޭނުންވާ ފައިސާ ރައްދު ކުރާނަން." މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން، 3 މަސް ދުވަހުގެ ތެރޭގައި ރަށްތަކަށް ޖެނެރޭޓަރު ގެންދެވި، ކުރިޔަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން މި މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ހާމަ ކުރެއްވި އެވެ. އަދި، ޖެނެރޭޓަރު ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތައް ވާނީ ކަނޑައެޅިފައި ކަމަށާއި، އެ ރަށްތައް ފަހުން އިޢުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ފެނަކަ ކޯރޕަރޭޝަންގގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، ރައްޔިތުންނަށް ކަރަންޓު ލިބުމުގެ އިތުބާރު އުފައްދަން ޖެހޭ ކަމަށެވެ. އަދި، ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި ފެނަކަ ކޯރޕަރޭޝަންގެ ސޭލްސް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.
"އައްޑޫގައި ސޭލްސް ސެންޓަރެއްގެ މަސައްކަތް ފަށަިއގެން ކުރިޔަށް ދަނީ، ކުރިޔަށް އޮތް 2 މަހެއްހާ ދުވަހެއް ތެރޭގައި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ސާމާނު ހެޔޮ އަގުގައި ލިބޭނެ ގޮތް ހޯދައިދޭނަން. އަދި އުތުރުގައި ވެސް ފެނަކައިގެ ސޭލްސް ސެންޓަރެއް ހުޅުވުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިޔަށް ގެންދާނަން." ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ