ރޯދައާ ހޫނު މޫސުން ދިމާވުމުން އިނގިރޭސި ވިލާތުގެ މުސްލިމުން 19 ގަޑިއިރަށް ރޯދައަށް

މިއަހަރުގެ ރޯދަ މަސް ހޫނު މޫސުމާ ދިމާވުމުން އިނގިރޭސިވިލާތުގެ ރައްޔިތުން މިފަހަރު 19 ގަޑިއިރަށް ރޯދައަށް ތިބެން ޖެހިއްޖެ އެވެ.
މުސްލިމް ކައުންސިލް އޮފް ބްރިޓަން (އެމްސީބީ) އިން ވަނީ 19 ގަޑިއިރަށް އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުސްލިމުން ތިބެންޖެހޭތީ އެކަމަށް ސަމާލުވުމަށް ގޮވާލާފަ އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މައްސަލަތަކުގެ ސަބަބުން ބޭސް ކާން ޖެހޭ މީހުން ރޯދަ ހިފުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
"ރޯދަ މަހުގަ ރޯދަ ހިފައިގެން ތިބޭއިރު ބަލި އިހުސާސް ކުރެވެންޏާ އެންމެ ރަނގަޅު ގޮތަކީ ރޯދަ ނުހިފުން. އެގޮތުން ބަލި މީހުންނާއި އެކި ބަލިތަކުގެ ބޭސްކާން ޖެހޭ މީހުންނާއި އަދި ލޭ މައްޗަށް ދާ މީހުން މިގޮތަށް އަމަލުކުރުން މުހިއްމު" އެމްސީބީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ އަކީ 2.5 މިލިޔަނެވެ.
19 ގަޑިއިރަށް އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުސްލިމުން ރޯދައަށް ތިބެން ޖެހޭއިރު ނޮދަން ހެމިސްފިޔާގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ މުސްލިމުން 21 ގަޑިއިރަށް ވެސް ރޯދައަށް ތިބެންޖެހޭ ކަމަށް ރިޕޯޓުތަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ