ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހިނގަމުންދަނިކޮށް މަޖިލީހުގެ ތަޅުމުގައި، އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހަމަލާދިން މައްސަލަ އެމްޑީޕީން އެންމެ ހަރުއަޑުން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނާޒިމްގެ އަނގަމަތީގައި އަތުން ޖައްސަވައި ރިޔާޒް ރަޝީދު މާރާމާރީ ހިންގަވާފައި ވާތީ، އެޕާޓީން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތް ގޮތުން މަޖިލީހުގައި ސިޔާސީ ކޯޅުން ބޮޑުވެފައިވީ ނަމަވެސް އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ހަށިކޮޅަށް އަތް އިސްކުރައްވައި މާރާމާރީ ހިންގަވައި، އަނިޔާވެރިވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމާއި އަދި އެއީ ވަރަށް ނާތަޙުޒީބު ޢަމަލެއްކަމުގައި ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެެއެވެ.
މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މިކަން މެދުވެރިވުމަށް ދިމާވެފައިވާ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ނިޒާމްގެއްލިފައިވާއިރު އެކަމަށް ޙައްލެއް ނުހޯއްދަވައި މަޖިލިސް ކުރިއަށް ގެންދެވުމަކީ މަޖިލީހުގެ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފު ކަމަކަށްވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ޤަވާޢިދާ ޚިލާފަށް މަޖިލިސް ކުރިއަށް ގެންދެވާތީ ކަމަށެވެ. އަދި މަޖިލީހުގައި މާރާމަރީ ހިންގެވި މެމްބަރެކޭ އެއްފަދައިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ވެސް އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މިދުވަސް ކޮޅު މަޖިލީސް ޖަލްސާތަކުގެ ފީޑް ކަޑާލައި، މަޖިލީސް ޖަލްސާތައް ކުރިއަށް ގެންދާއިރު މަޖިލީހުގައި ހިނގާދާ ކަންތައްތައް ވަނީ މީޑިއާއަށް ސާފްވާގޮތް ނުވެފައެވެ. އެގޮތުން މިއަދުގެ މަޖިލީސް ވެސް ކުރިއަށް ދިޔައީ ކިހިނެއް ކަމެއް އަދި ވަނީ ސާފު ވާގޮތް ނުވެފައެވެ.
މެމްބަރު ނާޒިމަށް ހަމަލާދިން މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ