އީރާންގެ ބަނދަރަކަށް ދަތުރުކުރި ބޯޓަކަށް އެމެރިކާއިން ހަމަލާދީފައި ވަނިކޮށް އީރާނުން ކުވައިތާއި ބަހުރެއިންގެ ބައެއް މަގާމުތަކަށް އަމާޒުކޮށް ރައްދުގައި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި އެވެ.
އެމެރިކާ ސިފައިން ބުނި ގޮތުގައި ގަލްފުގެ ބައެއް ގައުމުތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ވަނީ ނާކާމިޔާބުކޮށްލެވިފަ އެވެ. މީގެ އިތުރުން އީރާނުގެ ރަށެއް ކަމަށްވާ ގަޝްމުގައި ހުންނަ ކޮމާންޑް ސެންޓަރަކަށް ވެސް "އަމިއްލަ ދިފާއުގައި" ހަމަލާ ދީފައިވާނެ ކަމަށް އެމެރިކާއިން ބުންޏެވެ.
"އީރާނުން ސަރަހައްދުގެ އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލި ނަމަވެސް، އެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލެއް ނުވޭ،" އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ކުވައިތަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ މިސައިލެއް އަމާޒާ ހިސާބަށް ނުގޮސް ވަނީ ވެއްޓިފައި ނުވަތަ ވައިގެ ތެރޭގައި ހަލާކުވެފައި. އަދި ބަހުރޭނަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް އެމެރިކާ އާއި ބަހުރޭންގެ ވައިގެ ދިފާއީ ބާރުތަކުން ވަގުތުން ވައްޓާލި،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ކަނޑު އުޅަނދުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ތިން ޑްރޯން ވެސް އެމެރިކާ ސިފައިން ވައްޓާލާފައިވާ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.
ޤެޝްމް އަކީ ގަލްފުގެ ތެލާއި ގޭސް އުފުލާ އެންމެ މުހިންމު ކަނޑުގެ ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ރަށެކެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އަދި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ މި މަގު އެއްކޮށްގެން ބަންދުކޮށްފަ އެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ރަށުގައި ހުރި އީރާނު ސިފައިންގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށެވެ. އަދި މި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ
ސަރަހައްދުގެ ބައެއް ގައުމުތަކަށް އީރާނުން ރައްދު ހަމަލާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ