އާންމު އުސޫލާ ހިލާފަށް، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބަކަށްފަހު، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ރައީސްކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޚަލީލުއްރަހްމާން އަންގާރަ ދުވަހު އިންތިޚާބުވެވަޑައިގެންފިއެވެ.
ސިއްރު ވޯޓަކުން ކުރިއަށްދިޔަ މި އިންތިހާބު ޚަލީލުއްރަހްމާން ކާމިޔާބުކުރެއްވީ 99 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ސައިޕްރަސްގެ ޑިޕްލޮމެޓް އެންޑްރިއަސް ކަކޫރިސްއަށް ލިބިވަޑައިގަތީ 91 ވޯޓެވެ.
މިއަންނަ ސެޕްޓެމްބަރު މަހު އޭނާ މި މަގާމާ ހަވާލުވެވަޑައިގަންނަވާނީ، މިހާރުގެ ރައީސް—ޖަރުމަނުގެ ކުރީގެ ފޮރިން މިނިސްޓަރު އަނާލީނާ ބެއާބޮކްގެ ދައުރު ހަމަވުމުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި ޝައިޚް ހަސީނާ 2024 ވަނަ އަހަރު މަގާމުން ދުރުކުރި ފަހުން ބޭއްވި އެ ގައުމުގެ ފުރަތަމަ އިންތިޚާބަށް ފަހު، ޚަލީލުއްރަހްމާން ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސްގެ އިންތިގާލީ ސަރުކާރުގައި، ޚަލީލުއްރަހްމާން އަދާކުރެއްވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަމާއި، މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޖާ ރެފިއުޖީންގެ ބޮޑު އާބާދީގެ ކަންކަން ބަލަހައްޓަވާ އެންމެ އިސްވެރިޔާގެ މަގާމެވެ.
ޚަލީލުއްރަހްމާން ވަނީ އެމެރިކާގެ ޔުނިވާސިޓީތަކުން ގާނޫނާއި އިގްތިސާދުގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިފަ އެވެ. އަދި އެމެރިކާއާ އެކު ބޭއްވި ވިޔަފާރީގެ މަޝްވަރާތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކޮންމެ އަހަރަކު އެއްފަހަރު އިންތިހާބުކުރަނީ ސަރަހައްދުތަކަށް ބަހާލައިގެން، ދައުރުވާ އުސޫލުންނެވެ. ނަމަވެސް އާންމުކޮށް އެއް ކެންޑިޑޭޓަކަށްވުރެ ގިނައިން މި މަގާމަށް ވާދައެއް ނުކުރެ އެވެ. އަދި ގިނަފަހަރަށް ރައީސް ހޮވަނީ ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.
މިއަހަރު މި މަގާމު ހާއްސަކުރެވިފައިވަނީ އޭޝިއާ-ޕެސިފިކް ސަރަހައްދަށެވެ. ސައިޕްރަސް އަކީ ވެސް މި ސަރަހައްދަށް ނިސްބަތްވާ ގައުމެކެވެ.
މި މަގާމަށް ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރެއްވި ތިންވަނަ ޑިޕްލޮމެޓް— އދ. އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވަނީ، އިޒްރޭލުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުމާ ގުޅިގެން ނަން އަނބުރާ ގެންދަވައިފަ އެވެ. -- އޭއެފްޕީ
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ބަންގްލާދޭޝްގެ ފޮރިން މިނިސްޓަރު އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ