ނަޝީދާއެކު ބައެއް ސިޔާސީ ބޭފުޅުން ތިއްބެވީ ބޮޑު އެޕާޓްމަންޓެއްގައި: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމުގައިވާ ތޮލްހަތު އިބްރާހިމް ކަލޭފާނާއި މުހައްމަދު ނާޒިމް ހިންމަފުށީ އައްސޭރި ޖަލުގައި ތިއްބަވަނީ އެއް ކޮޓަރިއެއްގައި ކަމަށް ބުނެ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ދެއްކެވި ވާހަކަތައް ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގުކުރައްވައިފި އެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް ބޭނުންކުރާ ކުއްތާތައް ގެންގުޅުމުގެ ތަމްރީން ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ ހަތަރު ބޭފުޅުން ތިއްބެވީ އެއް ކޮޓަރިއެއްގައި ނޫން ކަމަށާއި އެ ބޭފުޅުން ތިއްބެވީ "ބޮޑު އެޕާޓްމަންޓެއް"ގައި ކަމަށެވެ.
އުމަރު ވިދާޅުވީ ބޮޑު އެޕާޓްމަންޓުގައި 20-30 ފޫޓުގެ ކޮޓަރިއަކާއި ކާގެއަކާއި ބަދިގެއަކާއި ސިޓިންރޫމަކާއި އަދި އެއްޗެހި ދޮންނަ ތަނެއްގެ އިތުރުން ޔާޑެއް ވެސް އޮންނާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ޖަލުގައި ތިއްބެވި ފަރާތްތަކަށް ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ޖަލުގައި ތިއްބަވަން ޖެހިވަޑައިގެންފައިވާ ބޭފުޅުންނަށް ސަރުކާރުން ދެރަ ގޮތަކަށް އަމަލުނުކުރާނެ ކަަމަށެވެ.
ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމުގައިވާ ތޮލްހަތު އިބްރާހިމް ކަލޭފާނާއި މުހައްމަދު ނާޒިމް އައްސޭރި ޖަލުގައި ހުންނަވަނީ އެއް ކޮޓަރިއެއްގައި ކަމަށެވެ. އަދި އެއީ އެ ބޭފުޅުން ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ލުއި ޖަލެއްގެ ގޮތުގައި ހަދާފައިވާ އައްސޭރި ޖަލުގައި އާންމުކޮށް ތިބެނީ ނުރައްކާތެރި ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ފެންނަ ކުށްވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ