ރަތްމަންދޫއާއި ރަކީދޫގެ ޑަބްލިއުޑީސީ އިންތިޚާބު އަންނަ މަހު ބާއްވަނީ؛ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

އާބާދީ ކުޑަ ދެ ރަށް ކަމަށްވާ މ. ރަތްމަންދޫއާއި ވ. ރަކީދޫގެ ޑަބްލިއުޑީސީ އިންތިޚާބު އަންނަ މަހު 20ގައި ބާއްވަން ނިންމައި، މަގާމުތަކަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހުޅުވާލައިފިއެވެ. މިދިޔަ މަހު ހަތަރެއްގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާފައެވެ. އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރުމަށް މިދިޔަ ޖަނަވަރީ 17އިން ފެބްރުއަރީ އެކަކަށް ހުޅުވާލި މުއްދަތުގައި ރަކީދޫއާއި ރަތްމަންދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިޚާބު ކުރަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ނުވާ ކަމަށެވެ. އެހެންވެ، އެ ރަށްތަކުގައި އަންނަ މަހު 20ގައި އިންތިޚާބު ބާއްވަން ނިންމައި، ކޮމިޓީ މަގާމުތަކަށް ކުރިމަތިލާން އީސީން ވަނީ ހުޅުވާލާފައެވެ. އާންމުންގެ މީހަކު ވޯޓުލާ މަރުކަޒުގައި ސުމާރު ނަންބަރު ނެގުމަށް އޮފިޝަލުންގެ މޭޒު ދޮށުގައި: ދެ ރަށެއްގެ ޑަބްލިއުޑީސީ އިންތިޚާބު އަންނަ މަހު ބާއްވަން ވަނީ ނިންމާފައި -- ސަން ފޮޓޯ: ޢާއިޝް އަޝްރަފް އީސީގެ އިއުލާނުގައިވާ ގޮތުން، ރަތްމަންދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިޚާބުކުރަނީ ރައީސަކާއި ދެ މެންބަރުންނެވެ. އަދި، ރަކީދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިޚާބު ކުރަނީ މެންބަރަކާއި ކޮމިޓީގެ ރައީސެކެވެ. މިގޮތުން، އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހު 18ގެ 15:00އާ ހަމައަށެވެ. ފާހަގަކުރެވޭ ގޮތުގައި، ރަކީދޫގެ އާބާދީ ސަތޭކައަށް ނާރާއިރު، 240އެއްހާ މީހުން ރަތްމަންދޫގައި ދިރިއުޅެއެވެ. މިދިޔަ މަހު ބޭއްވި ކައުންސިލާއި ޑަބްލިޔުޑީސީ އިންތިޚާބުން ގިނަ، މުހިންމު ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ