ފުލުހުންނާއި ސިފައިންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު!

މިއަދު ހަވީރު 16:30 ގައި ސިފައިންނާއި ފުލުހުންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ސިފައިންގެ އިންޓެގްރޭޓެޑް ހެޑްކުއާޓާޒް ކަމުގައިވާ ބަންޑާރަ ކޮށީގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުން މީޑިޔާތަކުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ދަނޑިވަޅަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނިފައިވާކަން އެޗްޕީއޭއިން އިއުލާންކޮށްފައިވާ ދަނޑިވަޅެކެވެ.
އެފަރާތުން ކުރި ޓްވީޓެއްގައި ބުނީ ‏މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19‬⁩ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޯވިޑް-19 އަށް ޓެސްޓުކުރުމުންނެވެ.
މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން މިމަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ