އެސްޓީއޯ އިން ބިހާއި ފިޔާ ހޯލްސޭލްކޮށް ވިއްކަން ފަށައިފި

ކޮވިޑް-19 ފެތުރެން ފެށުމުން، އެސްޓީއޯ އިން ބިހާއި ފިޔާ އެންމެންނަށް ލިބޭނެކަން ޔަގީންކުރުމުގެ ގޮތުން ހޯލްސޭލްކޮށް ވިއްކުން މެދުކަނޑާލުމަށް ފަހު އަލުން އެތަކެތި ހޯލްސޭލްކޮށް ވިއްކަން ފަށަައިފި އެވެ.
އެސްޓީއޯ އިން ބުނީ މި ދެ ބާވަތް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 3:30 އަށް އެ ކުންފުނީގެ ހޮޓްލައިންމެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެެވެ. އޯޑަރު ކުރުމަށް ގުޅާނީ 7291123 ނުވަތަ 7291125 އަށެވެ.
މިތަކެތި ގަންނަ ކަސްޓަމަރުންގެ ތެރެއިން ކަންމަތީ ފިހާރަތަކަށާއި ސުޕަމާޓުތަކަށާއި ދޯނިތަކަށް ޑެލިވަރީގެ ހިދުމަތް ބޭނުންވާ ނަމަ އެ ހިދުމަތް ވެސް އެސްޓީއޯ އިން ފޯރުކޮށްދޭނެ އެވެ. އަދި ދަތުރު ކުރުމުގެ ހުއްދަ އާއި އުޅަނދު އޮންނަ ކަސްޓަމަރުންނަށް އަމިއްލައަށް އެތަކެތި ބަލައި ދެވޭނެ ކަމަށް ވެސް ބުންޏެވެ. އެސްޓީއޯ އިން ބުނީ މިއީ ކަސްޓަމަރުން ގަންނަ ތަކެތި ވީހާ ވެސް އަވަހަކަށް ފޯރު ކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
އެ ކުންފުނިން ވަނީ މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ބިހާއި އަލުއްވާއި ފިޔާގެ ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ. މިހާލަތުގައި އެތަކެތި ހުސްނުވެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް އެސްޓީއޯ އިން ދެ އެވެ.
އެސްޓީއޯ އިން ބިހާއި ފިޔާ ހޯލްސޭލްކޮށް ވިއްކަމުން އަންނަ އިރު މިތަކެތި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ. ރީޓެއިލްކޮށް ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ އީސްޓޯރު މެދުވެރިކޮށް ގަނެވޭނެ އެވެ. ނަމަވެސް އޯޑަރުތައް ލިބޭ އަދަދު ގިނަ ވުމުން އެކުންފުނިން ވަނީ ކޮންމެ ދުވަހަކު ނަގާ އޯޑަރުތަކުގެ އަދަދު ލިމިޓުކޮށްފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެފައި ވާއިރު މި ދަނޑިވަޅު އެންމެން ވެސް އެޗްޕީއޭގެ އިރުޝާދާއެކު ގޭގައި ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެ އެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރުން ހިޔާރުކޮށް ކޮންމެހެން ދާން ޖެހޭ ހާލެއްތައި ނޫނީ ފިހާރަތަކަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ