ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ތިން ބޭފުޅުންގެ ނަން ވެސް މަޖިލީހުން ފާސްކުރީ، މިރޭ ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެންބަރުންގެ އިއްތިފާގުންނެވެ. މިރޭގެ ޖަލްސާއަށް ވެސް އިދިކޮޅު ކޯލިޝަންގެ އެއްވެސް މެންބަރަކު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ޑީޑީ އައްޔަންކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް ދެ ބޭފުޅަކު އައްޔަންކޮށްފައި ވަނީ، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ސައީދަށް ފަނޑިޔާރުކަން ގެއްލުމުންނެވެ. އެ ދެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ މަގާމު ގެއްލިފައިވަނީ ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވިކަމަށް ސާބިތުވެ، މިދިޔަ ހަފުތާގައި އިސްތިއުނާފު މަރުހަލާ ނިމުމާއެކު އެވެ. ފަނޑިޔާރުކަން އެ ދެ ބޭފުޅުންނަށް ވެސް ގެއްލުނީ، ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހެއްގެ ދަށުންނެވެ.
މިއީ 2010 ވަނަ އަހަރުގައި ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލި ފަހުން، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ތިންވަނަ ފަހަރެވެ. އުއްތަމަ ފަނޑިޔާރަކަށް ފުރަތަމަ ހުންނެވީ އަހުމަދު ފާއިޒު ހުސައިނެވެ. 2014 ވަނަ އަހަރުގެ ތެރޭގައި އޭނާ މަގާމުން ވަކިކުރީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ. އެހެންވުމާއެކު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ބޭފުޅަކު މިދިޔަ ދެ ފަހަރު ވެސް ވަކިކޮށްފައިވަނީ، ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންކަން ފާހަގަކުރެ ވެއެވެ.
ގާނޫނު އަސާސީގައިވާ ގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން އެ މަޖިލީހުން ނިންމާ ބޭފުޅުންނެވެ. އަދި މަޖިލީހުން އެ ނަންތައް ދިރާސާކޮށް ފަނޑިޔާރުކަމަށް ނަންތައް ބަލައިގަތުމުން، 7 ދުވަހުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމަށް އެ ބޭފުޅުން އައްޔަން ކުރަންޖެހޭނެ އެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޑރ. ޑީޑީ، ސުޕްރީމް ކޯޓަށް އަބްދުﷲ އާއި ޣަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ