ވައިޓް ހައުސްގެ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓުކުރި އިރާނަށް އަސްކަރީ ހަމަލާދޭ މަންޒަރުތައް ދައްކާ ވީޑިއޯއެއްގައި އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ މަގުބޫލު ލަވަ "ފަޔަވޯކް" ބޭނުންކުރުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.
ޕެރީ ބުނީ އެ ލަވަ ބޭނުންކުރުމުގެ ހުއްދަ އޭނާގެ ފަރާތުން ހޯދާފައި ނުވާ ކަމަށާއި އެފަދަ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ތާއީދު ނުކުރާ ކަމަށެވެ.
ވައިޓް ހައުސް އިން އާންމުކުރި އެ ޓިކްޓޮކް ވީޑިއޯގައި އަސްކަރީ ހަމަލާތައް ދޭ ތަނާއި ބޮން ގޮއްވާ މަންޒަރުތައް ދައްކަ އެވެ. އަދި 2010 ވަނަ އަހަރު ނެރުނު "ފަޔަވޯކް" ލަވައިގެ "ބޫމް، ބޫމް، ބޫމް" މި ތަންކޮޅު، ބޮން ގޮވާ މަންޒަރުތަކާ ދިމާވާގޮތަށް ވަނީ ސިންކް ކޮށްފަ އެވެ. އެ ވީޑިއޯގެ ކެޕްޝަންގައި "އީރާނަށް ވަނީ އިންޒާރުދީފައި" ކަމަށް ލިޔެފައިވެ އެވެ.
މިކަމާ ގުޅިގެން ޕެރީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަސްކަރީ ހަމަލާތައް ދޭ މަންޒަރު ފެންނަ ވީޑިއޯއެއްގައި އޭނާގެ ލަވަ ބޭނުންކޮށްފައި ވާތީ ވަރަށް ބޮޑަށް ދެރަވެ، އަދި ރުޅި ވެސް އައިސްފައިވާ ކަމަށެވެ. އަދި އޭނާ އެ ލަވަ ލިޔުނީ އިންސާނުންގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގައި އުންމީދާއި ނަފްސާނީ ހިތްވަރުދިނުމުގެ މެސެޖެއްގެ ގޮތުގައި ކަމަށާއި، އެހެންވެ، އަނިޔާވެރިކަން ދައްކާ ވީޑިއޯއަކަށް އެ ލަވަ ބޭނުންކުރުމަކީ އެ ލަވައިގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ ވީޑިއޯ އާންމުކޮށްފައި ވަނީ އެމެރިކާ އިން އީރާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ، އަދި އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައިވާ ވެސް ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ދަނީ އީރާނުގެ މިސައިލް އަދި ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާތައް ދެމުންނެވެ.
ސިޔާސީ އަދި އަސްކަރީ ވީޑިއޯތަކުގައި ހުއްދައަކާ ނުލައި ލަވަ ބޭނުންކުރުމުން އާޓިސްޓުން ނުރުހުން ފާޅުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އަރިއާނާ ގްރާންޑޭ ވެސް ވަނީ އޭނާގެ "ބާއި" ލަވަ، އެމެރިކާގެ އިމިގްރޭޝަންގެ އޮފިޝަލުން މީހުން ހައްޔަރުކުރާ މަންޒަރު ދައްކާ ވީޑިއޯއެއްގައި ބޭނުންކުރުމުން ވައިޓް ހައުސްއަށް ފާޑުކިޔައިފަ އެވެ. މީގެ އިތުރުން ސެބްރީނާ ކާޕެންޓާ އާއި އޮލީވިއާ ރޮޑްރީގޯ އާއި ސެލީން ޑިއޯން އަދި ރޯލިންގް ސްޓޯންސް ކަހަލަ ތަރިން ވެސް ވަނީ އެމީހުންގެ ހުއްދައަކާ ނުލައި ސަރުކާރުގެ ކެމްޕޭންތަކުގައި ލަވަތައް ބޭނުންކުރުމުން ނުރުހުން ފާޅުކޮށްފަ އެވެ.
ޕެރީގެ މި ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް މީހުން ޕެރީގެ ނިންމުމަށް ތާއީދުކުރިއިރު، އަނެއްބަޔަކު ބުނި ގޮތުގައި ޕެރީ ވަނީ 2023 ވަނަ އަހަރު 225 މިލިއަން ޑޮލަރަށް އޭނާގެ މިއުޒިކް ކެޓަލޮގް (ލަވަތަކުގެ ރައިޓްސް) ލިޓްމަސް މިއުޒިކަށް ވިއްކާލާފައި ކަމަށެވެ. އަދި ޔުނިވާސަލް މިއުޒިކް ގްރޫޕްއާ އެކު ޓިކްޓޮކުން ހަދާފައިވާ އެގްރީމެންޓުގެ ދަށުން އެ ލަވަތައް ޓިކްޓޮކްގައި ބޭނުންކުރުމުގެ ގާނޫނީ ހުއްދަ އޮންނާނެ ކަމަށް އާންމުން ބުންޏެވެ.
ޕެރީ މިވަގުތު އަންނަނީ އޭނާގެ "ލައިފްޓައިމްސް ޓުއާ"ގެ ކޮންސާޓް ފިލްމު "ދަ ލައިފްޓައިމްސް ޓުއާ: ލައިވް ފްރޮމް ޕެރިސް" ޕްރިމިއާކުރަން ތައްޔާރުވަމުންނެވެ. އެ ފިލްމުގައި އޭނާގެ މަޝްހޫރު "ރޯ" އާއި "ޑާކް ހޯސް" އަދި "ފަޔަވޯކް" ކަހަލަ ލަވަތަކުގެ ލައިވް ޕާފޯމަންސްތައް ފެންނާނެ އެވެ.
އީރާނަށް ހަމަލާދޭ ވީޑިއޯއެއްގައި ކޭޓީ ޕެރީގެ ލަވައެއް ވައިޓް ހައުސް އިން ބޭނުންކުރުމުން އޭނާ ހިތްހަމަނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ