އެމެރިކާއިން އީރާނަށް ހަމަލާ ދިނުން ކުއްލިއަކަށް ހުއްޓިއްޖެ؛ ހަތިޔާރު ހުސްވަނީ؟

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ބޮޑު އަސްކަރީ ކެމްޕޭން ކުއްލި ގޮތަކަށް މަޑުޖައްސާލުމާ އެކު، އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ހަތިޔާރުގެ ރިޒާވް ހުސްވަމުންދާ ކަމަށް މީޑިއާތަކުން ދައްކާ ވާހަކަ އިތުރަށް ގަދަވެއްޖެ އެވެ.
ޖެހިޖެހިގެން 13 ރޭ ވަންދެން އީރާނުގެ އަސްކަރީ ތަންތަނަށް ވައިގެ މަގުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، އެމެރިކާއިން މި އޮޕަރޭޝަން ވަގުތީގޮތުން މަޑުޖައްސާލީ ހަތިޔާރުގެ ދަތިކަމާ ހުރެ ކަމަށް އަސްކަރީ ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާއިން މި ފިޔަވަޅު އެޅީ "ޕެޓްރިއަޓް" އެއާ ޑިފެންސް މިސައިލާއި، "ތާޑް" ސިސްޓަމްތަކުގެ އިތުރުން "ޓޮމަހޯކް" ކުރޫޒް މިސައިލް ފަދަ ޒަމާނީ އަސްކަރީ ހަތިޔާރުގެ ސްޓޮކް ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންނެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ފަސް މަސްދުވަހު މެދުކެނޑުމެއްނެތި ހަމާސް އަދި އީރާނުގެ ކިބައިން ބަދަލު ހިފުމަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން  އެމެރިކާގެ އަސްކަރީ ސްޓޮކުން ދެބައިކުޅައެއްބައި މިހާރު ވަނީ ހުސްވެފަ އެވެ. މިއީ އީރާނުން އަގުހެޔޮ  ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން، އެމެރިކާގެ އަގުބޮޑު އަދި އުފައްދަން އުނދަގޫ މިސައިލްތައް ހުސްކޮށްލުމަށް ރާވައިގެން ބޭނުންކުރި އުކުޅެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު މަދުވެފައިވާ މިސައިލްތަކުގެ ސްޓޮކް އަލުން ފުރިހަމަކުރަން ތިން އަހަރަށްވުރެ ދިގު މުއްދަތެއް ނަގާނެ އެވެ.
ވައިޓް ހައުސްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަތިޔާރު މަދުވުމުގެ މި ކަންބޮޑުވުމުގެ ހާލަތު ކިޔައިދެއްވާފައި ކަމަށް ނިއު ޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. 
އެ ރިޕޯޓްތައް ބުނާ ގޮތުގައި، އަސްކަރީ އިސްވެރިން ވަނީ، އީރާނާ ދެކޮޅަށް އިތުރަށް ހަމަލާ ވަރުގަދަކޮށްފި ނަމަ، ދުނިޔޭގެ އެހެން ސަރަހައްދުތަކުން، ހާއްސަކޮށް ޗައިނާއިން، ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވުމަށް އެމެރިކާގެ އަސްކަރީ ގާބިލްކަން މި ހާލަތުގައި ނުހުންނާނެ ކަމުގެ އިންޒާރު ދީފަ އެވެ. 
ނަމަވެސް ވައިޓް ހައުސްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަ ސްޓީވެން ޗެންގް ވިދާޅުވީ، ރައީސް ޓްރަމްޕް އަބަދުވެސް އިސްކަންދެއްވަނީ މައްސަލަތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން ކަމަށެވެ. މިގޮތުން، މިހާރު އުމާން މެދުވެރިކޮށް އީރާނާ އެކު ސިއްރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ހަމަލާތައް މަޑުޖައްސާލީ އެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ.
ހަމަލާދިނުން ވަގުތީގޮތުން މަޑުޖައްސާލި ނަމަވެސް، އެމެރިކާގެ އަސްކަރީ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް  އަދިވެސް ދަނީ ތަންފީޒުކުރަމުންނެވެ. ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހަތިޔާރުގެ މި ބޮޑު ދަތިކަމުގެ ސަބަބުން، އެމެރިކާއަށް ދެން އީރާނާ އެކު ބޮޑު އަދި ދިގުދެމިގެންދާ ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ