އަސާސީ ޚިދުމަތްތަކަށް އިހުމާލުވާތީ މެމްބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި

ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުވައި ދިނުމުގައި ރައީސް ޔާމީނުގެ ސަރުކާރުން އިހުމާލުވަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރައީސް ޔާމީނުގެ ސަރުކާރު އަތޮޅުތަކާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތާއި ވަސީލަތްތައް ޤާއިމްކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ދެކޮޅަށް އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވާ މެމްބަރު ޢަލީ ހުސައިންގެ މިފަހަރު ކަންބޮޑުވުން ފާޅު ކުރެއްވީ ރޭ ހުޅުވި ވިންޓަރ ތީމް ޕާކާއި ގުޅިގެންނެވެ.
މެމްބަރު ޢަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ސަރުކާރާއި މެދު ނުރުހުން ފާޅު ކުރައްވައި ވިދާޅުވީ، މާލޭގައި ހުރި އާސާރީ މިސްކިތެއް ނެތިކޮށްލުމަށް ފަހުގައި ހެދީ ވިންޓަރ ޕާކެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ތިބި ހުރިހާ ކުޑަކުދިން ބޮލަށް އަޅަންޖެހެނީ ނަޖިސްފެން ކަމަށާއި އިސްކަންދޭ ތަރުތީބު ވަނީ އޮޅުން ބޮޅުން ވެފައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގަޔާއި އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމު ކޮށްދިނުމުގައި ސަރުކާރުން އަތޮޅުތަކުގެ ތިބި ރައްޔިތުންނާއި މެދު އިހުމާލުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީނުގެ ރައްޔިތުންގެ އަސާސީ ޟަރޫރީ ބޭނުންތަކަށް ނުބަލައި ބޭނުމެއް ނެތް ބޭކާރު ޚަރަދާއި އިސްރާފުތައް ކުރަމުންދާކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
ރޭ ވިންޓަރ ޕާކު ހުޅުވި އިރު އެތަނުގައި ހުރި ކަޅުވަކަރު މިސްކިތް ނެގި މައްސަލައިގައިވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ