ފްރާންސްގެ ކޯޗުކަމާ ޒިދާން ހަވާލުވެއްޖެ، ފުރަތަމަ އަމާޒަކީ 2030 ގެ ވޯލްޑް ކަޕް

ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަޤާމާ އެ ޤައުމުގެ ފުޓްބޯޅަ ތަރި ޒައިނުއްދީން ޒިދާން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަން (އެފްއެފްއެފް) އިން އިޢުލާނުކުރި ގޮތުގައި، އުމުރުން 54 އަހަރުގެ ޒިދާން ވަނީ ކުރިއަށްއޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ފްރާންސްގެ ކޯޗުކަމާ ހަވާލުވުމަށް އެއްބަސްވެފައެވެ. ޒިދާން މި މަޤާމާ ހަވާލުވީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު މަޤާމުން ދުރުވި ގާތްގަނޑަކަށް 14 އަހަރު ވަންދެން ފްރާންސްގެ ކޯޗުކަން ކުރި ޑިޑިއޭ ޑެޝޯމްޕްސްގެ ބަދަލުގައެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ނިމިގެންދިޔައީ މުބާރާތުގެ ސެމީ ފައިނަލުގައި، މުބާރާތުގެ ތަށި ނެގި ސްޕެއިން އަތުން ބަލިވެ، އަދި ތިންވަނަ ހޮވި މެޗުގައި އިންގްލަންޑް އަތުން ބަލިވެގެންނެވެ. 2021 ވަނަ އަހަރު ރިއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވިފަހުން މެނޭޖްމަންޓް ދާއިރާއާ ދުރުގައި ހުރުމަށްފަހު، މިއީ ޒިދާން އަލުން ކޯޗިންއަށް އެނބުރި އައި ފުރަތަމަ ފަހަރެވެ. މަޤާމާ ހަވާލުވުމަށްފަހު ޒިދާން ބުނީ ފްރާންސް ޤައުމީ ޓީމަށް އިރުޝާދު ދިނުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފު ކަމަށާއި، ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެނެއް ހަޤީޤަތަކަށް ވެގެންދިޔައީ ކަމަށެވެ. އަދި ވޭތުވެދިޔަ 4-5 އަހަރު ތެރޭގައި ކްލަބްތަކުން ލިބުނު ހުށަހެޅުންތައް ޤައުމީ ޓީމުގެ އިންތިޒާރުގައި ހުރެ ދޫކޮށްލި ކަމަށްވެސް އޭނާ ހާމަކުރިއެވެ. ޒިދާންގެ އަމާޒަކީ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއެކު ހޯދި ކާމިޔާބީތައް، ކޯޗެއްގެ ގޮތުގައިވެސް ތަކުރާރުކޮށް، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޒިދާން ވަނީ 1998 ވަނަ އަހަރު ފްރާންސަށް ފުރަތަމަ ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، ފައިނަލް މެޗުގައި ބްރެޒިލް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. އަދި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތްވެސް ފްރާންސަށް ކާމިޔާބުކޮށްދިނެވެ. ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑާއެކު ޒިދާން ވަނީ ޖެހިޖެހިގެން ތިން އަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދެ ފަހަރު ލަލީގާ އަދި ދެ ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ