ސްކޫލް ޑިޖިޓަލައިޒް ޕްރޮގްރާމަށް އަބޫދާބީފަންޑުން އެހީ ދެނީ

ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް އަބޫދާބީ ފަންޑުން ހިލޭ އެހީ ދޭން ނިންމައިފި އެވެ. އަބޫދާބީ ފަންޑުގެ އެހީގެ މަޝްވަރާތައް ކުރީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މިއީ ކިހާވަރެއްގެ އެހީއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަޝްރޫގެ މަޝްވަރާތައްކޮށް އެއްބަސްވުމެއްގެ ޑްރާފްޓަކާ ހަމައަށް ދެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ފައިނަލް އެގްރިމެންޓްގައި ސޮއިކުރާނެ ކަމަށެވެ. އެއްބަސްވުމުގައި ޓެކްސްޓް ފޮތުގެ ބަދަލުގައި ދޭ އައިޕެޑް އަދި އެހެނިހެން އިންފްރާސްޓްރަކްޗާ ޑެވެލޮޕްމަންޓަށް ވެސް ހިލޭ އެހީގެ ފައިސާ ދިނުން ހިމެނެ އެވެ.
"[ރާއްޖޭގެ] ސްކޫލްތައް ޑިޖިޓަލައިޒް ކުރަން އަބޫދާބީ ފަންޑުން އެހީވާން މިހާރު އެވަނީ ނިންމާފައި، އެކަން ހަމަޖެހިގެން ދާނެ" ޒަމީރު ވިދާޅުވިއެވެ.
ދަރިވަރުން ސްކޫލަށް ގެންދަންޖެހޭ ޓެކްސްޓް ފޮތުގެ ބަދަލުގައި ޓެބްލެޓަ ބޭނުން ކުރުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ އިޢުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ