ސުޕްރީމް ކޯޓުގެ ބައެއް އަމުރުތަކަށް ފާޑުކިޔާ އަދި ބައެއް އަމުރުތަކަށް ތަބާނުވާ މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ އެންގުމާއި އެއްގޮތަށް މާދަމާ ކޯޓަށް ވަޑައިގަންނަވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސްޕްރީމް ކޯޓަށް ހާޒިރުވުމަށް މިއަދު އެންގެވުމާ ގުޅޭގޮތުން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޯޓުން އަންގާފައިވާ އެންގުމަށް ޢަމަލުކުރައްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރަށެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ މި ތުހުމަތުތަކާއިމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ދެންނެވުން ފުއާދު ވިދާޅުވީ ކޯޓަށް ހާޒިރުވުމުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށާއި އޭގެ ކުރިން މީޑިޔާގައި އެއްޗެއް ވިދާޅުވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
"ދެން ކޯޓަށް ހާޒިރުވެފަ ދެއްތޯ އެކަމާއިމެދު އެއްޗެއް ދެންނެވޭނި. މާދަމާ ކޯޓަށް ހާޒިރުވުމަށްފަހު އަޅުގަނޑުމެން މީޑިޔާގައި ވަކި އެއްޗެއް ބުނާނަން" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާ އެކަމަށް ކުރިއަށް އޮތްތާވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. މާދަމާ ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް އަންގާފައިވަނީ ކޮމިޝަންގެ ހަތަރު މެންބަރުންނަށް ކަމުން އެ ހުރިހާ ބޭފުޅުންވެސް ކޯޓަށް ވަޑައިގަންނަވާނެތޯ ދެންނެވުމުން ކޮމިޝަންގެ ރައީސް ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވާނެކަން. މިހާރު ދެން ކޮމިޝަންގައި މި ތިއްބެވީވެސް ހަތަރު ބޭފުޅުން ދެއްތޯ؟ ހަމަ ގައިމުވެސް އަޅުގަނޑު ދާނަން،" ފުއާދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނޫސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓްވާގޮތަށް ވާހަކަދައްކާފައިވާތީ ކަމަށެވެ. އަދި ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރުން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.
މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވާނަން: ފުއާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ