އަމިއްލައަށް މައްސަލަތައް ބަލަން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައިފި

ސުޕްރީމް ކޯޓުން އިސްނަގައިގެން އަމިއްލައަށް މައްސަލަތައް ބަލާނެ ގޮތުގެ ސޫމޯޓޯ ގަވައިދެއް އެކުލަވާލާ އާންމުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ މިފަދަ ގަވައިދެއް އެކުލަވާލީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި، 144 ވަނަ މާއްދާއާއި، 156 ވަނަ މާއްދާއާއި އަދި ކޯޓު ތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އާއި 11 ވަނަ މާއްދާގެ (ހ) އާއި 22 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މިގަވައިދުގައި ވަނީ އެކޯޓުން މައްސަލަ ބެލުމުގައި ރިއާޔަތްކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު ގަވައިދު އެކުލަވާލާފައިވަނީ ހަތް މާއްދާއެއްގެ މައްޗަށެވެ.
އެގޮތުން މި ގަވައިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ގަވައިދުގެ ދަށުން ބަލަންޖެހޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމަށް ނިންމާނީ އެ މައްސަލައަކާ ގުޅިގެން ޖަވާބުދާރީ ކުރުވަންޖެހޭ ފަރާތް ނުވަތަ ފަރާތްތައް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައެޅުމަށްފަހު ކަމަށެވެ. އަދި މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީކުރުވަންޖެހޭ އެންމެހައި ފަރާތްތައް އެއީ ފަރުދަކު ކަމުގައިވިޔަސް ނުވަތަ ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުރި ފަރާތެއް ކަމުގައިވިޔަސް ނުވަތަ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ކަމުގައިވިޔަސް ނުވަތަ އެހެން ފަރާތެއް ކަމުގައިވިޔަސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ގަވައިދުގެ (ށ) ގައި ބުނެ އެވެ. ގަވައިދުގެ (ނ) ގައި ބުނެފައިވަނީ މި ގަވައިދުގެ ދަށުން ބަލާ މައްސަލައަކީ މުޅި މުޖުތަމައުއާ ގުޅުންހުރި ނުވަތަ އޭގެ ސަބަބުން މުޅި މުޖުތަމައަށް އަސަރުފޯރާ ފަދަ މައްސަލައަކަށްވާނަމަ އެ މައްސަލައަކަށް ޖަވާބުދާރީވާންޖެހޭ އަސްލު ފަރާތުގެ އިތުރުން ދިވެހި ދައުލަތުގެ ބަންޑާރަނައިބް ނުވަތަ ޕްރޮސިކިއުޓަ ޖެނަރަލް ނުވަތަ އެ ދެ ފަރާތުން ކަނޑައަޅާ ވަކީލުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
މިގަވައިދުގެ ދަށުން ބަލާ މައްސަލައެއްގައި ޖަވާބުދާރީވާންޖެހޭ ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ އެތަނެއްގެ އެންމެ އިސްވެރިޔާ ކަމަށާއި، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތެއް ކަމަށާއި އަދި އެހެން ގާނޫނީ ޝަހުސެއްނަމަ އެފަރާތަކުން ކަނޑައަޅާ ފަރާތެއް ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ބަލާ މައްސަލަތައް ބަލާނީ ފަނޑިޔާރުންގެ މަޖިލީހުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވާ ބެންޗަކުން ކަމަށް ވެސް ބުނެފައިވެ އެވެ. ގަވައިދުގެ ދަށުން މައްސަލައެއް ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިފިނަމަ ޝަރީއަތުގެ މަޖިލީހެއް ބާއްވާ އެއީ ކޮން މައްސަލައެއްކަން މައްސަލަ ރައްދުވާ ފަރާތަށް ޝަރީއަތުގެ ފަރާތުން ސާފުކޮށްދޭނެ ކަމަށްވެސް ގަވައިދުގައި ބުނެ އެވެ.
ގަވައިދުގައި އިތުރަށް ބުނެފައިވަނީ މިގަވައިދަށް އަމަލުކުރުމުގައި ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތުގެމަތިން މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި މިބާވަތުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކުރަންވާނެ ކަމަށެވެ.
ސޫމޯޓޯ ގަވައިދަކީ ސުޕްރީމް ކޯޓުން ބޭނުންވެއްޖެ ހިނދެއްގައި ދަށު ކޯޓު ތަކުގައި ހިނގަމުންދާ މައްސަލަތައް އެކޯޓަށް ގެނެސްގެން ބެލުން ނުވަތަ ގައުމީ ބޮޑެތި މައްސަލަތައް އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާތޯ ބެލުމެއްނެތި ކޯޓުން އަމިއްލައަށް މައްސަލަ ހުށަހަޅާ މައްސަލައިގެ ގޮތެއް ނިންމުމަށް ބޭނުންކުރާ ގަވައިދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ