މާފުށީ ޖަލުގައި ހުންނަ ވޯޓް ފޮއްޓަށް މައުމޫން ރަޖިސްޓްރީ ވެއްޖެ

ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މާފުށީ ޖަލުގައި ހުންނަ ވޯޓް ފޮއްޓަށް ވޯޓް ލުމަށް ރަޖިސްޓްރީ ވެއްޖެއެވެ.
މާފުށީ ޖަލުގެ ފޮއްޓަށް ރައީސް މައުމޫން ރަޖިސްޓްރީ ވެފައިވާކަން އެމަނިކުފާނުގެ ވަކީލުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ރައީސް މައުމޫން މާފުށީ ޖަލުގެ ވޯޓް ފޮއްޓަށް ރަޖިސްޓްރީ ވެފައި މިވަނީ އެމަނިކުފާނު ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވިތާ މަހެއްހާ ދުވަސް ވީއިރު ވެސް ރަޖިސްޓްރީ ނުވާ ކަމަށް ބުނެ ވަކީލުން މިހަފްތާގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ޙުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ތަޙްޤީޤަށް ފޯން ދޭން ދެކޮޅު ހެއްދެވުމުން ދައުލަތުން އުފުލި ދައުވާއެއް ސާބިތުވެގެންނެވެ.
މީގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް ދައުވާ އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައެއްގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެދައުވާ ސާބިތުވެއްޖެނަމަ 17 އަހަރުގެ ޖަލު ޙުކުމެއް ރައީސް މައުމޫންގެ މައްޗަށް އައުން އެކަށީގެންވެއެވެ. ސިއްހީ ހާލަތު ހުރިގޮތުން ޝަރީޢަތް ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް ދިނުމަށް ރައީސް މައުމޫން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން މާފުށީ ޖަލުގައި ހުންނަ ވޯޓް ފޮއްޓަށް ރަޖިސްޓްރީ ވެފައި ވާއިރު ރީ-ރަޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ވުން މާބޮޑަށް ލަސްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މާގިނަ މީހުން ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅި ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ