އިތުރު ކަމެއް ނުކުރެވުނަސް ރައްޔިތުން އެދެނީ އިންސާފު ގާއިމުކޮށްދިނުމަށް: އިބޫ

އިތުރު އެހެން ކަމެއް ނުކުރެވުނަސް، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ރައްޔިތުން އެދެނީ އިންސާފު ގާއިމުކޮށްދިނުމަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ތެރެއިން މިއަދު ހެދުނު ގއ. ދާންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ދާންދޫ ރައްޔިތުންވެސް އެދެމުންދާ އެދުމަކީ އިންސާފު ގާއިމުކޮށްދިނުން ކަމަށާއި އިދިކޮޅުން ކުރާ މަސައްކަތަކީ އެއީ ކަމަށެވެ. "އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކޮށް ރާއްޖޭގައި އިރާދުކުރެއްވިއްޔާ އިންސާފު ގާއިމުވެގެން ދާތަން ފެނިގެންދާނެ،” އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ދާންދޫގެ ބިން ފުރިފައިވާ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ބިން ހިއްކައި އެރަށުގެ ބަނދަރަށް ބަދަލުތަކެއް ގެނެވި، އަދި ފުޓުބޯޅަ ދަނޑެއްވެސް އަޅާނެކަމަށެވެ. އަދި އެރަށުގެ ރައްޔިތުން އެދެމުންދާ ބޭންކްގެ ހިދުމަތްވެސް ހަމަޖެހިގެންދާނެކަމަށް އިބޫ ވައުދުވެވަޑައިގަތެވެ. އިބޫ ވިދާޅުވީ ސަރުކާރުން މިހާރުވެސް ދާންދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް އޭގެ މާ ބޮޑު އަމަލީ މަސައްކަތެއް ކުރިއަށް ނުދާކަމަށެވެ. އަދި މިއީ އިންތިހާބާ ދިމާކޮށް މިހާރުގެ ސަރުކާރުން ފެށި ކަމަކަށް ވެދާނެކަމަށް އިބޫ ތުހުމަތުކުރެއްވިއެވެ. އިދިކޮޅު ކެންޑިޑޭޓު ވަނީ، ކޯލިޝަނުގެ ސަރުކާރެއްގައި އަސާސީ ކަމެއްގެ ގޮތުން ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ ގާއިމުކުރެވޭނެ ކަމުގެ ވައުދު ވެވަޑައިގެންފައެވެ. އަދި އޭގެ ދަށުން ދާންދޫގައިވެސް ފެނުގެ ނިޒާމު ގާއިމު ކޮށްދޭނެކަމަށް އިބޫ އެރަށަށް ވައުދުވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޯލިޝަނުން މަސްވެރިންނަށް މީގެ ކުރިން ވެފައިވާ ވައުދުތައް، ދާންދޫގެ މަސްވެރިންނަށްވެސް އިބޫ މިއަދު ވަނީ ތަކުރާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ