މިއަދު ހަވީރު ސިނަމާލެ ބްރިޖްގައި ޕެރޭޑެއް އޮންނާނެ

މިއަދު ހަވީރު ސިނަމާލޭ ބްރިޖްގައި ސްކޫލް ކުދިންގެ ޕެރޭޑެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންސީސީ އިން ބުނެފިއެވެ.
މި ޕެރޭޑް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ފެށިގެން ސިނަމާލެ ބްރިޖްގައެވެ.
"ވަގުތު" އާ ވާހަކަ ދައްކަވަމުން ޤައުމީ ކެޑޭޓް ކޯޕްސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑައިރެކްޓަރު ލިއުޓަނެންޓް އިބްރާހިމް އިބްތިޝާމް ވިދާޅުވީ މި ޕެރޭޑްގައި މާލެ އޭރިއާ ސްކޫލްތަކުގެ 200 ވުރެ ގިނަ ކެޑޭޓް ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.
މިއަދު ހަވީރު އޮންނަ ޕެރޭޑްގައި ޖޫނިއާ ކެޑޭޓުންގެ އިތުރުން ސީނިއާ ކެޑޭޓް ދަރިވަރުންވެސް ބައިވެރިވާނެއެވެ.
"ދަރުބާރުގޭ ބިއްދަށުން ކަހަލަ ގޮތަކަށް ޕެރޭޑް ފަށާނީ. ދެން ބްރިޖް ހުރަސްކޮށް ހުޅުމާލެ އާ ވީ ކޮޅަށް ދާނީ" އިބްތިޝާމް ވިދާޅުވިއެވެ.
އިބްތިޝާމް ވިދާޅުވީ ޕެރޭޑްގެ ޕްރެކްޓިސް ކުރިއަށްގެންދިޔައީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށާއި ސްކޫލްތަކުގެ ޓީވަރުންނާއި ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.
ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހުވެސް އެމްއެންސީސީގެ ފަރާތުން އެދުވަހު ސިނަމާލެ ބްރިޖްގައި ކުރިއަށް ދިޔަ އާއިލީ ހަވީރުގައި ވަނީ ސްކޫލް ދަރިވަރުންތަކެއްގެ ބޭންޑް ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން އިބްތިޝާމް ވިދާޅުވީ ބޭންޑުގެ ހަރަކާތަށް ފުދޭ ވަރެއްގެ ތަރުޙީބެއް ލިބުނު ކަމަށާއި މިއަދު މި އޮންނަ ޕެރޭޑަށް އެ ދުވަހަށް ވުރެވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވިގެންދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖް ހުޅުވުމުގެ ގޮތުން ހަވާ އެރުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އޯގަސްޓް 31 ވަނަ ދުވަހު ބްރިޖް މަތީގައި ފަސް ކައިވެންޏެއް ކޮށްފައިވާއިރު، ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހު އޮތް އާއިލީ ހަވީރަށްފަހު މި މަހުގެ ހަވަނަ ދުވަހާއި ހަމައަށް އާންމުންނަށްވެސް ބްރެޖަށް އެރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ސިނަމާލެ ބްރިޖްގައި ރޭ ވަނީ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ