އެސްބީއައި އިން ފައިސާ ޖަމާނުކުރުމުން ޝީޝާއިން ހުކުމް ތަންފީޒުކުރަން ހުށަހަޅައިފި

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 13.5 މިލިއަން ރުފިޔާ ޝީޝާގެ ތިން ބެއިންގެ އެކައުންޓަށް ޖަމާކޮށްދީފައިނުވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ހުށަހަޅައިފި އެވެ.
މިއަދު ހަވީރު ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީޝާގެ ތިންބެއިންގެ ތެރެއިން ހުސައިން ހުޝާމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި މިހާރު އެ ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
ބަޔަކު މީހުން ހުށަހެޅި ވަގު ޑޮކިއުމެންޓުތަކެއްގެ މައްޗަށް ބިނާކޮށް އެސްބީއައި އިން ވަނީ ޝީޝާގެ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާ އެހެން ބައެއްގެ އެކައުންޓަށް ޖަމާކޮށްދީފަ އެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހު އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ޝީޝާގެ ތިން ބެއިންގެ އެކައުންޓުން ބަޔަކު މީހުން އޮޅުވާލައިގެން ނެގި ފައިސާގެ ތެރެއިން މިހާތަނަށް އެ ތިން ބެއިންނަށް ލިބިފައިނުވާ 13.5 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އެކައުންޓަށް ޖަމާކުރުމަށް އެސްބީއައިގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އޮޅުވާލައިގެން ނެގި 18 މިލިއަން ރުފުޔާގެ ތެރެއިން 4.4 މިލިއަން ރުފިޔާ ޝީޝާގެ ތިންބެއިންނަށް ލިބިފައި ވަނީ އެ ފައިސާ ނެގި މީހުން ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓަކަށް ޖަމާކޮށްފައި ވަނިކޮށެވެ.
ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ޝީޝާގެ ގާނޫނީ ވަކީލު ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެސްބީއައިއާ ބައްދަލުކޮށް އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދުމުން ޝަރީއަތަށް މައްސަލަ ހުށަހެޅުމަށާއި ކޯޓުން ހުކުމް ކޮށްފިނަމަ އެ ފައިސާ ޖަމާކުރާނެ ކަމަށް ބޭނުން ކުރިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްބީއައިއާ ވާހަކަދައްކައިގެން އެ ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ވެސް އެދުނު ކަމަށާއި ނަމަވެސް އެ ފައިސާ ހޯދައި ދިނުމަށް އެމްއެމްއޭ އިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އެސްބީއައި އިން ބުނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުނާފު ނުކުރެވިގެން އުޅެނީ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ސިވިލް ކޯޓުން ދޫނުކޮށްގެން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ