ޝަރީއަތްތައް ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން މައުމޫން އެދިވަޑައިގެންފި
ސިއްހީ ހާލުކޮޅު ހުރިގޮތުން ކުރީގެ ކުރީގެ ރައީސް މަމޫން އަބްދުލް ގައްޔޫމްގެ ޓެރަރިޒަމްގެ މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން އެމަނިކުފާނު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ. މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް "ސަން" އަށް ވިދާޅުވި ގޮތުގައި، ރައީސް މައުމޫން އެމަނިކުފާނަށް ލިބިވަޑައިގެންވާ، ހާޒިރުގައި ޝަރީއަތް ކުރުމުުގެ ހައްގު ދޫކޮށްލައްވަން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތީ، ޖެހިވަޑައިގެންފައިވާ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށް ކިޔާ އާލާސްކަންފުޅާއި އެމަނިކުފާނުގެ އުމުރުފުޅުގެ ސަބަބުންނެވެ. ފައިސަލް ވިދާޅުވީ، މައުމޫންގެ އާލާސްކަންފުޅުގެ ސަބަބުން އެމަނިކުފާނު ކަނޑުދަތުރުކުރުން ސިއްހަތަށް ރަނގަޅު ނޫންކަމަށް ޑޮކްޓަރުން ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. "އެގޮތަށް ޑޮކްޓަަރުން ލަފާދެއްވާފައި ވަނިކޮށް އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވާ ކަމެއްގެ ސަބަބުން އެމަނިކުފާނުގެ ސިއްހަތަށް ގެއްލުމެއް ކުރިމަތިވާކަށް އެމަނިކުފާނު ބޭނުންފުޅުވެވަޑައިނުގަންނަވާ." ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ރައީސް މައުމޫން އެމަނިކުފާނުގެ ހާޒިރުގައި ޝަރީއަތް ކުރުމުުގެ ހައްގު ދޫކޮށްލައްވަން އެދިވަޑައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއަށް ސިޓީއެއް ފޮނުއްވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީއަށް އަދި މިހާތަނަށް ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ. މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، ހާޒިރުގައި ޝަރީއަތް ކުރުމުުގެ ހައްގު ދޫކޮށްލައްވަން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތީ، ސިއްހީ ހާލަތު ހުރިގޮތުން އެ ހައްގު ދޫކޮށްލުން ނޫން ގޮތެއް ނެތުމުން ކަމަށެވެ. އަދި އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ވަކީލުން އަޑުއެހުންތަކަށް ހާޒިރުވާ ގޮތަށް ހަމަޖައްސައިދެއްވަން ސިޓީފުޅުގައި އެދިވަޑައިގެންނެވި އެވެ. މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު، ނެރުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވަނީ މީގެ ކުރިން ސާބިތުވެފައެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަސް ދުވަހުގެ ހުކުމެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ