ތަރައްޤީގެ މަޝްރޫއުތައް ހިންގަނީ ލޯނު ނަގައިގެންތޯ ބަލާކަށް ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވާނީ މައްސަލަތައް ހައްލުވެފައި ހުންނަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ. ކޮލަމާފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެ ރަށުގައި އެންމެ ދަތިވެފައި އޮތް ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް ފައިސާ ހޯދި ގޮތެއް ބަލަން ރަށު ރައްޔިތުން ބޭނުންވޭ ތޯ ސުވާލު ކުރައްވައިފަ އެވެ.
އަދި ރައްޔިތުން ބޭނުންވާނީ ދަތިވެފައި ހުރި ކަންކަން ހައްލު ކުރަން ކަމަށާއި އެކަން ކުރަނީ ކިހިނެތް ކަމެއް ސާފު ކުރަން ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައީސް ޔާމީން ކަންތައްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުން އިތުބާރު ކުރޭ، އެހެންވެ ގަބޫލު ކުރޭ މިތަނުގެ ބަނދަރު ވެސް ރައީސް ޔާމީން ހަދައިދޭނެކަން، ލޯނު ނެގުން ނުވަތަ ލޯނު އަދާ ކުރުން އެ ސުވާލެއް ރައްޔިތުންނެއް ނުކުރާނެ، މި ރަށަށް އައިސް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރީމަވާ ފަސޭހަ އެބަ އިހުސާސް ކުރެވޭ، ނަމަވެސް މި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް އަޅުގަނޑުމެން ލޯނު ނަގާނީތޯ ނުވަތަ ލޯނު ނުނަގާ ދެން ކިހިނެތްތޯ މި ފައިސާ ހޯދީ އެއީ ރައްޔިތުން އަޅުގަނޑުމެންނާ ކުރާނެ ސުވާލެއް ނޫން، ރައްޔިތުން ބޭނުންވާނީ މި ހިދުމަތް ލިބިގެން ދިޔުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ މިހާރު ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ކުރައްވަމުން އަންނަ ތަރައްޤީގެ މަޝްރޫޢުފަދަ ކަންކަމަށް ވައުއުވަމުން އަންނަ ކަމަށާއި، އެކަމަކު އެކަންތައްތައް ކުރުމަށް ފައިސާ ހޯދާނެ ގޮތެއް އެ ކެންޑިޑޭޓް ވިދާޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ބޮޑެތި ލޯނުތައް ނަގާފައިވާ އިރު އެ ލޯނުތައް ދައްކާނެ ގޮތަކާއި ލޯނު ދައްކަމުން ރަށްރަށަށް ތަރައްގީ ގެނެސްދެއްވާނެ ގޮތެއް ވެސް ވިދާޅުވެދެއްވަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ލޯނު ނަގާތީ ރައްޔިތުން ކަންބޮޑުވެގެނެއް ނޫޅޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ