ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގު ހިންގަން ޖެހޭ - ގާސިމް

ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށާއި ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގު ހިންގަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ.ކުނޫޒުގައި ބޭއްވި ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ ރައީސް ޔާމީން ދެއިރުދެދަޅަޔަށް ދެގޮތަށް ދައްކަވާ ވާހަކަތަކުން ރައްޔިތުންނަށް ޚިޔާނާތާއި އަނިޔާވެރިވެފައިވާ މިންވަރު އެނގޭ ކަމަށެވެ.
"އެތައް ބައެއްގެ ކުރިމަތީގައި ވިދާޅުވީ ތިމަންނާ ދިން ފައިސާއޭ އަދީބު ބެއްސެވީ. މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތް ހިނގީ ތިމަންނާގެ ވެރިކަމުގައި ކަަމަށް އިއުތިރާފުވި. ފައިސާ ގޯނި ހިފައިގެން ހިނގީ ތިމަންނާއޭ މެމްބަރަކު ވިދާޅުވި" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަފުޅުން އެއީ އެނގުމުގެ ތެރެއިން ހިނގާފައިވާ ކަންކަންކަން އެނގޭ ކަމަށެވެ.
"އަދީބު ޖަލަށްލައި އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް އެމައްސަލާގައި ވީނުވީއެއް މިއަދާ ހަމައަށް ވެސް ނޭނގި، ދައުލަތުން ގެއްލުނު ފައިސާއަށް ވީނުވީ ނޭނގޭ. ނުހައްގުން އެތައް ބަޔަކު ޖަލަށްލައި ސަރުކާރުން ދަނީ ރައްޔިތުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވަމުން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިޔާސީ އެތައް ބޭފުޅަކު ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތްތައް ހިންގާފައިވާއިރު އެއިން އެއްވެސް ޝަރީއަތަކީ އިންސާފުން ހިންގާފައިވާ ޝަރީއަތެއް ނޫންކަން ކާނަލް ނާޒިމްގެ ޝަރީއަތަށް އެކަނި ބަލައިލިޔަސް ސާފުވާ ކަމަށެވެ.
"ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަން ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގު ހިންގަން ޖެހޭ " ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ކަމަށާއި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ މީހަކަށް ދީނުގެ ހަމަތަކުން ބަލާއިރުވެސް ވެރިކަމަށް ނާދެވޭނެ ކަަމަށެވެ.
"ރައީސް ޔާމީން ވަނީ ދައުލަތުގެ މުދަލަތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެފައި އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނީ ކިހިނެއްތޯ" ގާސިމް ސުވާލު އުފެއްދެވިއެވެ.
ގާސިމް ވިދާޅުވީ އައިޖީއެމްއެޗް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްތަަކަށް ރައްޔިތުންގެ ބަޖެޓުން އެތައް ފައިސާއެއް އިސްރާފު ކޮށްފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ