ސުޕްރީމް ކޯޓަށް ވަން ސަލާމަތީ ބާރުތަކުގެ އެންމެން ޖަލަށް ލާން ޙުކުމް ކުރި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ސުޕްރިމް ކޯޓަށް ވަން ހުރިހާ ފުލުހުންނާއި ސިފައިން 15 ދުވަހަށް ޖަލަށް ލުމަށް އެވަގުތުން އެވަގުތައް ވާނީ ޙުކުމް ކޮށްފައި ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޤާނޫނީ ވަކީލުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ގަދަކަމުން ވަދެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުން އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އުއްތަމަ ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތަށް ޙުކުމް އިއްވާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ވިދާޅުވެފައެވެ.
ބަޔާނުގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު 06 ފެބްރުއަރީ ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ރަޔަޓު ގިޔަރު އަޅައިގެން ތިބި ދިވެހި ސިފައިންނާއި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެއްވެސް ހުއްދައަކާ ނުލައި އެތަނުގެ ދޮރުތައް ހަލާކުކޮށްލައިގެން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހަށިކޮޅަށް އަތްލައި، ބިންމައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް ސަލާމަތީ ބާރުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބަންދުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނީ އިމުގެ ތެރެއިން ދައުލަތުގެ އަދުލުއިންސާފު ގާއިމކުރުމުގެ އެންމެ އިސްފަރާތަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ޤާނޫނީ އިޖުރާޢަަތުގެ ބޭރުންނެވެ.
ބަޔާނުގައި އިތުރަށް ވަނީ "އަބްދުﷲ ސައީދުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކަކީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫންކަމުން އެމަނިކުފާނު އެތުހުމަތުތަކަށް އިންކާރުކުރައްވައެވެ. އަދި ދައުލަތުގެ އެއްބާރުގެ އެންމެ އިސް ފަރާތް ސިޔާސީ ސަބަބުތަކަކަަށްޓަކައި ޤާނޫނު އަސާސީ އާއި ހިލާފަށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައި ވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ