ހުރިހާ ކޯޓުތަކެއް އަދި ޑިޕާޓުމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުން ވެސް ހިމެނޭހެން، ހުރިހާ ވަސީލަތްތަކާ އެކު ތަރައްގީކުރާ މާލޭ ކޯޓު ކޮމްޕްލެކްސް ދެ އަހަރުދުވަސް ތެރޭ ނިންމަން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މި މަޝްރޫއުގެ އެއްބަސްވުމެއްގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ސޮއިކުރީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގަ އެވެ. އެގޮތުން:
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ
ތަފްސީލް - މި ކޯޓު ކޮމްޕްލެކްސް ތަރައްގީކުރަނީ، ހުޅުމާލެ ސެންޓަރަލް ޕާކާ އިންވެގެންވާ ސަރަހައްދުގަ އެވެ. މި މަސައްކަތް ހަވާލުކުރީ 720 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރުން ނިންމާ ގޮތަށެވެ.
ޖުމްލަ 14 ބުރީގެ މި އިމާރާތުގައި:
ހައި ކޯޓު، ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމެލީ ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިމެނޭނެ
ޑީޖޭއޭ ހިންގުމަށް ބޭނުންވާ ޖަގަ ވެސް ހިމެނޭނެ
ޒަމާނީ އެންމެހާ ވަސީލަތްތަކާ އެކު، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތަކެއް ހިމެނޭނެ
މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއު ނިމުމާ އެކު ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ.
އެނގުން މުހިންމު - މާލޭގައި މިހާރު ހުރި ހުރިހާ ކޯޓުތަކެއްގެ ހާލަތު ވެސް ވަރަށް ބޮޑަށް ދަށެވެ. އެ ތަންތަން ހިންގަމުންދާ އިމާރާތް ބާވެފައިވުމުން ވިއްސާރަ މޫސުންތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭ ފަހަރު ވެސް އާދެ އެވެ. ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ލަސްވެ، ބޮޑެތި ކުށްވެރިން ދޫކުރަންޖެހުމުގެ ކަންބޮޑުވުން ވެސް ބޮޑެވެ.
އެކަމަށް ހައްލެއް ގެނައުމަށް ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސެއް އެޅުމުގެ ވާހަކަތައް ދެކެވޭތާ އަހަރުތަކެއް ވަނީ ވެފަ އެވެ.
ކޮންމެ ދުވަހަކު ވެސް ޖިނާއީ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ބާއްވާ މާލޭ ކްރިމިނަލް ކޯޓުގެ ހާލަތު ދަށްވެ، އެ ތަނުގައި މަސައްކަތްކުރެވޭ ވަރު ނުވެގެން، މިހާރު އެ ތަނުގެ ގިނަ މައްސަލަތައް ހިންގަނީ ހުޅުމާލޭގައި ތަރައްގީކުރި ވަގުތީ އިމާރާތުގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް 2 އަހަރުން ނިންމަން އެމްޓީސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ