އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭ ނަމަ، އެ ކެންޑިޑޭޓަކަށް ވާންޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މިހާތަނަށް ތާއީދު ކޮށްފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކަންޏެވެ. އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން އުމަރު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުން، ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައި ވަނީ މިއަދުގެ ހާލަތަށް ބަލާއިރު އެއްވެސް ތަފާތު ކުރުމެއް ނެތި ގައުމަށް ހަމަޖެހުން ގެނެވޭނެ ކޯލިޝަން ލީޑަރަކީ ގާސިމް ކަމަށެވެ. ސަބަބެއް ކަމަށް އުމަރު ވިދާޅުވީ އެމްޑީޕީން ނެރޭ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ބޭފުޅަކަށްވުމާއި އަދާލަތު ޕާޓީއަކީ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ނެރޭ ޕާޓީއަކަށް ނުވުމެވެ. އަދި ކުރީގެ ރައީސް މައުމޫނަކީ ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން މިހާރު ހުރި ބޭފުޅެއް ނޫނެވެ.
"މިއަދުގެ ހާލަތުގައި، އިދިކޮޅު ފަރާތްތަކާއި އިދިކޮޅަށް ތާއީދު ނުކުރާ ނަމަވެސް ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި އެންމެންނާއި ދައުލަތުގެ ބާރުތަކާއި މި އެންމެން އެއްކޮށް އެއްވެސް ތަފާތު ކުރުމެއް ނެތި މުޅި ގައުމު މަސަލަސް ކުރެވޭނެ ހަމައެކަނި އިއްތިހާދީ ލީޑަރަކީ އޮނަރަބްލް ގާސިމް އިބްރާހީމް،" މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކެެއްގެ މެދުގައި ޕްރައިމަރީއެއް ބާއްވަން އެމްޑީޕީން ނިންމިޔަސް އެއީ ކާމިޔާބު ވާނެ ފޯމިއުލާއެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. މިނިވަން އިންސާފުވެރި ޕްރައިމަރީއެއް އެއްވެސް ޕާޓީއަކަށް މިހާތަނަށް ބޭއްވިފައި ނެތް ކަމަށާއި އެހެންވެ ހުރިހާ ޕާޓީއެއްގެ މެދުގައި ޕްރައިމަރީއެއް ބާއްވައިފި ނަމަ ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އެއް ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ޕާޓީއެއްގެ މެދުގައި ޕްރައިމަރީއެއް ބޭއްވުމަކީ އެފަދަ ޕްރައިމަރީއެއްގެ ވޯޓު އޮޅުވާލައި މަކަރު ހަދައި، އަދި އޭގެ ސަބަބުން މަސްލަހަތު ގެއްލި، ބައިބައިވެ އެއް ކެންޑިޑޭޓަކު ނެރުމުގެ ރޫހަށް ބުރޫ އަރައިގެންދާނެ ކަމެކެވެ،" އުމަރުގެ މެސެޖްގައިވެ އެވެ.
އެއް ކެންޑިޑޭޓަކު ނެރޭ ނަމަ އެކަމަށް އެންމެ އެކަށީގެންވަނީ ގާސިމް ކަމަށް އުމަރު ވިދާޅުވިއިރު، ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މިހާރު އައިސްފައި ވާތީ އާއި 65 އަހަރުވެފައިވާތީ މިހާރު އޮތް ގޮތުން ގާސިމަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ކުރީގެ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ގާނޫނު އަސާސީ އޮތް ގޮތުން އެ މަނިކުފާނަށް ވެސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްފައިވާތީ ކުރީގެ ރައީސް މައުމޫނަށް ވެސް އެ އިންތިޚާބުގައި ވާދަ ކުރެވޭކަށް ނެތެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވެސް މި ވަގުތު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެއް ކެންޑިޑޭޓަކު ނެރެންޏާ ނެރެން ޖެހޭނީ ގާސިމް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ