މެނިފެސްޓޯއޭ ކިޔައިގެން އެމްޑީޕީން ވާހަކަދައްކާއިރު 2008 ވަނަ އަހަރު އެމްޑީޕީން ތައާރަފްކުރި މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް ތިން އަހަރުގެ ވެރިކަމުގައި ކޮށްފައި ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވ. ކެޔޮދޫގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންތައް ކުރައްވާފައި ވަނީ މުޅި މެނިފެސްޓޯއާ އިދިކޮޅަށް ކަމަށެވެ.
"މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް ކޮށްފައެއް ނެތް. މުޅިން މެނިފެންސްޓޯއާ އިދިކޮޅަށް ކަންތައް ކޮށްފައިވަނީ. މިހާރު ކަންތައް ކުރުމަށް ވައުދުވާއިރު ކުރިން ކީއްވެތޯ ނުކުރީ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދަކީ ގާނޫނު އަސާސީ ވެސް އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި ރައީސްކަމަށް ވަޑައިގެން އަމަލުކުރައްވާފައި ވަނީ ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަށް ކުރެއްވި ހުވައާ އިދިކޮޅަށް ކަމަށެވެ.
އެމްޑީޕީގެ މީހަކު ކަމަކު ބުނެފިއްޔާ އެކަމެއް ކޮށްދެއްވާނެ ކަމަށާއި ނަމަވެސް އެހެންޕާޓީގެ މީހަކު ކަމަކު ބުނެފިނަމަ ނުލަފާކަން ދައްކާލާނެ ކަމަށް ރައީސް ކަމުގެ މަގާމުގައި ހުންނަވައި ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެފަދަ ބޭފުޅަކު ދިވެހީން ދެން ބޭނުން ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީން މިހާރު ބުނަމުން ގެންދަނީ ތިން އަހަރުގެ ވެރިކަމަކީ މެނިފެސްޓޯގައި ހުރި ކަންތައް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި އެކަންތައް ކުރެވޭނީ ފުރިހަމަ ފަސް އަހަރުގެ ވެރިކަން އެ ޕާޓީއަށް ލިބިގެން ކަމަށެވެ.
މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް ތިން އަހަރު ތެރޭގައި ކޮށްފައެއް ނުވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ