މާބައިދޫ އިންޖީނުގެ ފަޅާލި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި

ލ. މާބައިދޫ އިންޖީނުގެ ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވަނީ ލ. މާބަިއދޫ އިން ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 24 އަހަރާއި 25 އަހަރާއި 31 އަހަރާއި 32 އަހަރުގެ އިތުރުން 35 އަހަރާއި 43 އަހަރުގެ މީހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ތަފާތު އެކި ދުވަސްމަތިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 25 އަހަރާއި 32 އަހަރާއި 43 އަހަރުގެ މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ކޯޓުން ޖަހައިދީފައެވެ. އަދި 24 އަހަރުގެ މީހާގެ ބަންދަށް ތިން ދުވަސް ޖަހައިދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ހައްޔަރުކުރި 31 އަހަރުގެ މީހާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. އަދި އިއްޔެ 35 އަހަރު މީހާ ހައްޔަރުކޮށްފައިވަނީ އެއަތޮޅު މުންޑޫ އިން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ. އޭނާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ މާބައިދޫ ފެނަކަ ބްރާންޗްގެ އޮފީސް ފަޅާލައި ތިޖޫރީގައި ހުރި 125800 ރުފިޔާ ވަނީ ވަގަށް ގެންގޮސްފައެވެ. އެ ފައިސާ އަދިވެސް ނުފެނެއެވެ. ވަގަށް ގެންދިޔަ ފައިސާގެ ތެރޭގައި ރަށު ގެ ތަކުން ދައްކާފައި ހުރި ކަރަންޓް ފީ ތަކާއި ޕެޓީ ކޭޝްގެ އިތުރުން ކަރަންޓް ބިލުން ކަނޑާ ގޮތަށް ގޭގައިން ދީފައި ހުރި ފައިސާ ހިމެނޭނެ ކަމަށް މާބައިދޫ ފެނަކަ ބްރާންޗުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ