ހަނދުކޭތައާގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި އިޝާރާތް ކުރެއްވީ ބަޣާވާތަށް : ރައީސް ޔާމީން

މިދިޔަމަހު ފަހުކޮޅު ހިފި ހަނދުކޭތައާއި ދިމާކޮށް, "މާދަމާރޭ މިއަށްވުރެ ބޮޑު ހަނދުކޭތައެއް ހިފާނެ" ކަމަށް ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓްވިޓުގައި، އިޝާރާތް ކުރައްވާފައިވަނީ ބަޣާވާތަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"ނޭޝަން ފަސްޓް"ގެ ނަމުގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނުޖޫމީ އިލްމުވެރިއަކު މިދިޔަމަހު ފަހުކޮޅު ހިފި ހަނދުކޭތައާއި ދިމާކޮށް ކުރެއްވި ޓްވިޓެއްގައި، މާދަމާރޭ މިއަށްވުރެ ބޮޑު ހަނދުކޭތައެއް ހިފާނެކަމަށް ވިދާޅުވި ކަމުގައެވެ. އެއިޝާރާތް ކުރެވުނީ މި ބަގާވާތަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިފަހަރު މި ކުރިމަތިވީ އިއްޒަތްތެެރިން ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރި ބަޤާވާތްފުޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ ކަނޑުގެ 3000 މީޓަރު އަޑިން" ވަލީއުލް އަމުރު ހޯދަން ޖެހޭ ހިސާބަށް ޤައުމު ގެންގޮސްފައިވާކަމަށެވެ. މިކަމަކީ ދުވަހަކުވެސް މައާފު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރި މީހުންނަށް ބޮޑެތި އަދަބު ލިބެން ޖެހޭނެކަމަށް ރައީސްވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ތެރެއިން ރައީސް އަޒުލުކުރުމުން އެންމެ ފަހުބަސް ހޯދަން ދާންޖެހޭނީ ސްޕްރީމް ކޯޓަށް ކަމަށްވާތީ އެކަމަށްޓަކައި އާކައިވެނީގެ ރޭ "ބަރައިޑް" ތައްޔާރުކޮށްފައިވާގޮތަށް ސްޕްރީމް ކޯޓެވެސް ތައްޔާރުކޮށްފައިވާ ކަމުގައެވެ.
1988 ގެ ނޮވެމްބަރު ތިނެއްގެ ބަޤާވާތުން އެކަން ނިމުމަށްފަހު ރާއްޖެއަށް އަރާގަނެވުނު ކަމަށާއި ނަމަވެސް އިއްޒަތްތެރިން ބައިވެރިވެގެން މިފަހަރު ގެންނަން އުޅުނު "ބަޤާވާތްފުޅު" އެ ދާންޖެހޭ ހިސާބަށް ދިޔަ ނަމަ ދިވެހި ރާއްޖޭގެ ހާލުގެ ދުލުން ތާއަބަރަށް އަޅާނީ ވޭންކަމަށާއި މިއީ ދުވަހަކުވެސް ނުދެކޭ ވަރުގެ ނުރައްކާތެރި ބަޤާވާތެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިފަހަރު ހިނގައިދިޔަ ކަންކަމުން އަރައި ގަތުމުގައި އެކުވެރި ޤައުމުތަކުން އެހީތެރިކަން ލިބުނު ކަމުގައެވެ. އެގޮތުން ރަޝިއާއާއި ޗައިނާއާއި ސައުދީ އަރަބިއްޔާގެ އެހީތެރިކަން ލިބިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓުގެ ތެރެއިން ރައީސް އަޒުލުކުރުމަށް މަސައްކަތް ތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނީ މިހާރު ސްޕްރީމް ކޯޓްގައި ތިއްބެވި ތިން ފަނޑިޔާރުން އެކަމާއި ދެކޮޅު ހެއްދެވުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ