މޫސުން ގޯސްވެ، ލަންކާގައި ދިވެހިން އުޅޭ ގެތަކަށް ވެސް ގެއްލުން ލިބިއްޖެ

ސްރީލަންކާ އަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައިގައި، ދިވެހިން އުޅޭ ބައެއް ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހިން ބުނެފި އެވެ.
ސްރީ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެތީ، އާއްމުން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އިއްޔެ ހަވީރު ޑީއެމްސީން ވަނީ ރެޑް އެލާޓް ވެސް ނެރެފަ އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން މާޒިން ވިދާޅުވީ ދިވެހިން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލައިލުމުގެ އިތުރުން ސޯސަން ވިލާގައި ހަރުކޮށްފައި ހުރި ބޯޑްތަކަކަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ ބައެއް ފަރާތްތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހެވެލަ ސަރަހައްދުގެ ބައެއް ގޭތަކުގެ ފުރާޅު އެއްލާލައިގެން އެ ގޭތަކުން ދިވެހިން އެހެން ތަންތަނަށް ބަދަލުވާން ޖެހުނެވެ. އަދި ރޭ ކަރަންޓް ކެނޑުނު ގޮތަށް ދެހެވެލަ އަށް ކަރަންޓް ލިބުނީ މިއަދު ހެނދުނު ކަމަށް އެ މީހުން ބުންޏެވެ.
"ވަރަށް ބޯކޮށް ވާރޭވެހި ވައިގަދަ. ވަރަށް ގިނަ ގަސްތައް ވެސް ހުރީ ވެއްޓިފަ. އެހެންވެ ކަރަންޓް ކެނޑުނު ވަރަށް ގިނަ އިރަށް،" ދެހެވެލާގައި ދިރިއުޅޭ މުފީދާ އަހުމަދު ބުންޏެވެ.
ކޮލޮމްބޯގެ ބޮރެއްލާގައި ދިރިއުޅޭ ދިވެއްސަކު ބުނި ގޮތުގައި އޭނާ ދިރިއުޅޭ ގޭގެ ގަރާޖުގެ ގޭޓު ވެސް ވަނީ ރޭ އައި ކޮޅިގަނޑުގައި އެއްލާލައިފަ އެވެ.
ލަންކާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފައިބައިފާނެކަމުގެ އިންޒާރު ނޭޝަނަލް ބިލްޑިން ރިސާޗް އޮގަނައިޒޭޝަން (އެންބީއާރުއޯ) އިން ވަނީ ދީފަ އެވެ.
ނަމަވެސް މައުލޫމާތު ދިން ބައެއް ދިވެހިން ބުނި ގޮތުގައި ދިވެހިން އުޅޭ އެއްވެސް ހިސާބެއްގައި ފެންބޮޑުވި ކަމެއް އެނގިފައެއް ނުވެ އެވެ.
ލަންކާ އަށް ކުރަމުން ދާ ވިއްސާރަ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މޫސުން ލަފާ ކުރާ ފަރާތްތަކުން ބުނަމުން އަންނަ ކަމަށާއި އަދި މި ދުވަސްވަރު ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ލަފާދޭ ކަމަށް މާޒިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ