މައުމޫން އިހުތިރާމާއި އެކު ގެއަށް ބަދަލު ކުރަން ޖެހޭ - ސުއޫދު

ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ޖަލުގައި ބެހެއްޓުމަކީ އަނިޔާވެރިކަން ދެއްކުން ކަމަށާއި އިންސާނިއްޔަތައްޓަކާ ނަމަވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށް ދިނުމަށް ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދް ގޮވާލައިފިއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަކު އަނެކަކަށް ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމުކޮށް ކަމޭހިތަން ޖެހޭ ކަމަށާއި އިންސާނިއްޔަތައްޓަކާ ނަމަވެސް ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ.
ކުއްލި ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން މިމަމުގެ 19 ވަނަ ދުވަހު ރައީސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަޒިޒަމްގެ ދައުވާއާއި ހެކި ނައްތާލުމުގެ ދައުވާއާއި ރިޝްވަތު ހުށައެޅުއްވުމުގެ ދައުވާއާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ދައުވާވަނީ ކޮށްފައެވެ.
މައުމޫނުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފާރިސް އާއި ނަދީމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ