ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުންނަށް ހައްގު އަދަބު ލިބޭނެ - ނަޝީދު

މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބާތިލްކުރީ ސިޔާސީ ފަރާތްތަކާއި ގުޅިގެން ކަމަށާއި އެ ފަނޑިޔާރުންނަށް ކޮންމެވެސް ދުވަހަކުން އެކަމުގެ ހައްގު އަދަބު ލިބޭނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މަންދު ކޮލެޖުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ބާތިލްކުރި ހަތަރު ފަނޑިޔާރުންނަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށާއި ހަތަރު ފަނޑިޔާރުން ސިޔާސީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދު ފާޑު ވިދާޅުވި އެ ހަތަރު ފަނޑިޔާރުންނަކީ އާދަމް މުހައްމަދު އަބްދުﷲ އާއި ޑރ. އަބްދުﷲ ދީދީ އާއި އަބްދުﷲ ސައީދާއި، އަލީ ހަމީދެވެ.
އެ ހަތަރު ފަނޑިޔާރުންނާއިމެދު ފިޔަވަޅު އެޅުމަށް ސަލާމަތީ ބާރުތަކަށް ރައީސް ނަޝީދު ވަނީ މިރޭ ގޮވާލައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެހަތަރު ފަނޑިޔާރުން އިންތިހާބު ބާތިލްކޮށްފައިވަނީ އެއްވެސް ގާނޫނީ ބުރަދަނެއްގެ މައްޗަށް ނޫންކަމަށާއި އެއްވެސް ހަމައެއްގެ މައްޗަށްވެސް ނޫންކަމަށެވެ.
ނަޝީދު ވިދާޅުވީ ޖުމަލަ 473 މައްސަލަ ފާހަގަކޮށް އިންތިހާބު ބާތިލްކުރިއިރު އެއީ ނަތީޖާ އަށް ބަދަލު އަންނަ އަދަދެއް ނޫން ކަމަށާއި އެހެންކަމުން މުޅި އިންތިހާބު ބާތިލްކުރެވޭނެ ގާނޫނީ ހަމައެއް އަދި ބައިނަލްއަގުވާމީ އުސޫލެއް ވެސް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ވަނީ ޖުމްޖޫރީ ޕާޓީން ހުށަގެޅި މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ނޫންކަމަށާއި އިންތިހާބު ބާތިލް ކުރެވޭ ފަދަ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށް ބުނެފައެވެ.
އިންތިހާބު ބާތިލްކުރުމަށް ފަހު ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ގައިޑްލައިނެއް އެކުލަވާލާފައިވާއިރު އެއީ ފަނޑިޔާރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެބޭފުޅުން އެ ކުރައްވަނީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެ ބޭފުޅުންނަށް އެކަމުގެ ހައްގު އަދަބު ލިބޭނެ. ހަމަ އެއާއެކު ސުޕްރީމް ކޯޓުން ޣައިރު ގާނޫނީ އަމުރު ކުރީމަ އެއަށް ތަބާވާކަށް ވެސް ނުޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ