ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފަސީހާއި މޫސަ ޖަލީލު އަދި ބަންޑާރަ ނައިބު އޮފީހުގެ ސޮލިސިޓަރ ޖެނެރަލް އާދިއްތަ ދުވަހު ހާޒިރުކުރުމަށް މަޖިލީހުން ވަނީ އަމުރު ނެރެފައި: ޔާމީން

19:00ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަން ނިންމި މައްސަލައިގައި، ހޯމް މިނިސްޓަރ މުހައްމަދު ޝިހާބާއި، އެޓާނީ ޖެނެރަލް ހުސްނު ސުޢޫދު ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ކަމަށާއި، ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އިތުރުން، ބަންޑާރަ ނައިބު އޮފީހުން ފޮރިން މިނިސްޓްރީ އަށް ދިން ގާނޫނީ ލަފާގައި ސޮއިކުރެއްވި، ބަންޑާރަ ނައިބު އޮފީހުގެ ސޮލިސިޓަރ ޖެނެރަލް އަބްދުﷲ މުއިއްޒު، އަންނަ އާދިއްތަ ދުވަހު އެ ކޮމިޓީއަށް ހާޒިވެވަޑައިގެންދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަމުރު ނެރެފައިވާ ކަމަށް ގައުމީ ސަލާމަތޭބެހޭ ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އަމުރަކަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަސީމާއި ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާ ޒާހިރުގެ އިތުރުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހީމް ކޮމިޓީއަށް ހާޒިރު ކުރައްވައި ސުވާލު ކުރެއްވުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ސިއްރު ބައްދަލުވުމަށްފަހު ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން ޔާމީން މިއަދު ވިދާޅުވީ، އެބޭފުޅުން ކޮމިޓީއަށް ދެއްވި ޖަވާބަށްބަލާއިރު، ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެނައުމަށް އެމެރިކާ ސަރުކާރާއެކު އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާކަން ހާމަވާ ކަމަށެވެ. އަދި އެކަމާބެހޭ މައުލޫމާތު ހޯދުމަށް ސަރުކާރުގެ ވަރަށް ގިނަ ލިއުންތައް ބޭނުންވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ ފާއިތުވި ތިން ދުވަހު ބޭއްވި، އެ ކޮމެޓީގެ ބައްދަލުވުންތައް ހުޅުވާލައިގެން ބޭއްވި ނަމަވެސް މިއަދުގެ ބައްދަލުވުމަށް ސަރުކާރުގެ އޮފިޝަލުން ވަޑައިގަންވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މި ބައްދަލުވުން ސިއްރު ކުރެއްވީ ގައުމީ ސަލާމަތާ ގުޅޭ ވަރަށް ގިނަ ސުވާލުތައް ކުރެވި ވާހަކަތަކެއް ދެކެވޭނެތީ ކަމަށެވެ. އެ މާއްދާގައި ވަނީ "ކޮމެޓީ އަށް މީހަކު ދޭ ބަޔާނަކާ ބެހޭ މައުލޫމާތު ކޮމެޓީގެ މެމްބަރަކު ނުވަތަ އެހެންވެސް މީހަކު މަޖިލީހަށް އެކަމެއް ހުށަހެޅުމުގެ ކުރިން އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށެވެ.ޔާމީން އަދި ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިއަށްދާ ގޮތުން އަންނަ ހަފްތާގެ ނިޔަކަށް ކޮމިޓީގެ މަސައްކަތް ނިމި ރިޕޯޓެއް އެކުލަވާލެވޭވަރު ވާނެ ކަމަށެވެ. އަދި އެ ރިޕޯޓް ހުށަހަޅުއްވާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެކަމަށް ވޯޓެއް ނަގަންޖެހިއްޖެނަމަ އެކަންކުރާނީ މަޖިލީހުން ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ