އަތޮޅުތަކުން ބޮޑު އަގުލަބިއްޔަތެއް ޕީޕީއެމަށް ލިބޭނެ- މައުމޫނު

ރާއްޖޭގެ އެކި އަތޮޅުތަކުން ޕީޕީއެމަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިރޭ މާލޭގައި ހުޅުވި ގަލޮޅު ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދަށްކަވަމުން ރައިސް މައުމޫނު ވިދާޅުވީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޕީޕީއެމަށް ވަރަށް ބޮޑު ތާޢީދެއް އެބައޮތްކަމަށެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުން ޕީޕީއެމަށް އޮތް ތާޢީދު ބޮޑުނަމަވެސް މާލޭގަ އިތުރު މަސަތްކަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވަން ބޭނުންވަނީ މާލެއިންވެސް އެފަދަ ތާޢީދެއް ހޯދުމުގެ މަސަތްކަތް ކުރުން. އެހެން މިދެންނެވީ މާލެއަކީ ވަރަށް މީހުންގިނަ ތަފާތު ތަނެއް. މާލޭގައި ކުރާ ކެމްޕޭން އިތުރު ކުރަން އެބަޖެހޭ. އަދި އިތުރަށް މާލޭގެ ކެމްޕޭން ޙަރުދަނާކޮއް މާލޭގެ ރައްޔިތުންނަށް ޕީޕީއެމްގެ ސަރުކާރެއް ގެންނަން ބޭނުންވާ ސަބަބުތައް ކިޔައިދޭން އެބަޖެހޭ" ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މި މޭރުމުން އިތުރަށް ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުންނަކީ އެމަނިކުފާނަށް ތާޢީދުކުރާ ރައްޔިތުންތަކެއް ކަމަށާއި، އަދި އެކަން އެކި ގޮތްގޮތަށް ރައްޔިތުން ފާޅުކުރަމުންގެންދަވާކަމަށެވެ.
އަދި ރައީސް މައުމޫނަށް ތާޢީދު ކުރައްވާނަމަ ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށާއި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ވޯޓު ދެއްވުމަށްވެސް މައުމޫނުވަނީ އެދިވަޑައިގަންނަވާފައެވެ. "ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންނަކީ އަޅުގަނޑަށް ތާޢީދު ކުރާ ބޭފުޅުން. އަދި އެކަން އެކިއެކި ބޭބޭފުޅުން ގެންދަވަނީ އެކި ގޮތްގޮތަށް ދައްކަވަމުން.އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ތާޢީދު ކުރާނަމަ އަންނަ މަހުގެ 7ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޙާބުގެ ވޯޓުގައި ޕީޕީއެމްގެ ކެނޑިޑޭޓް އޮންރަބަލް އަބްދުﷲ ޔާމީނަށާއި، ޑރ.މުޙައްމަދު ޖަމީލް އަޙްމަދަށް ވޯޓްދެއްވުން. އަދި އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ތިޔަ ކުރައްވާ ތާޢީދު ވޯޓަކަށް ބަދަލުކުއްދެއްވާށޭ" ޕީޕީއެމްގެ ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ