ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ކުރާ ޚަރަދު ކުޑަކޮށް، ޕްރޮމޯޝަންތައް ނުދޭން އަންގައިފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސޯދީ ގޮތުން ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފިއެވެ. މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމާ ގުޅޭ ގޮތުން ޕީސީބީއިން ނެރުނު ސާކިއުލާގައި ކުންފުނީގެ މުއައްޒަފުންގެ މުސާރައާއި އިނާއަތްތަކަށް ކުރާ ޚަރަދު ކުޑަކުރުމަށް ބޮޑުތަނުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ. އަދި ރަސްމީ ގަޑީގައި ކުންފުނީގެ މަސައްކަތްތައް ނިމޭގޮތަށް، ކުންފުނީގެ މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް ވަނީ އަންގާފައެވެ. ސާކިއުލާގައި އެޅުމަށް ހިމަނާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި: މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މި ވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްކަމުގައިވީ ނަމަވެސް ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކޮންމެހެން ކުރިއަށް ގެންދިއުމަށް ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުއައްޒަފުން މަގާމުތަކަށް ނުނެގުން. އިގްތިސޯދީ ހިރާސްތަކަށް ރިއާޔަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ، ދެމެހެއްޓެނިވި ގޮތަކަށް މެނޭޖުކުރުމާއި މުވައްޒަފުންގެ މުސާރައިގެ ޚަރަދުތައް މެނޭޖްކުރުމުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން. ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ކުންފުނިން ނުކުރާކަން ޔަގީންކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން. މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އިގްތިސޯދަށް ކުރާނެ އަސަރުތައް ދިރާސާކޮށް ފިޔަވަޅު އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން. ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި އަދި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން. ޕީސީބީން މިދިޔަ މާޗު މަހުގެ 30ގައި ނެރުނު ސާކިއުލާއެއްގައި ވެސް ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެ ސާކިއުލާގައި ޚަރަދުކުޑަކުރުމަށް ހިމަނާފައިވާ ކަންކަމަކީ: ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުން. ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ކަސްތަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން. ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކުލާހުން ދަތުރުނުކުރުން. ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުންދޭ ދަތުރުތަކުގައި ކުންފުނިންކުރާ ޚަރަދު ވީހާވެސް ކުޑަކުރުން. ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިން ދަތުރުތައް މިވަގުތައް ހުއްޓާލައި އެފަދަ ޕްރޮގްރާމުތަކުގައި އޮންލައިންކޮށް ބައިވެރިވުން. މި ސާކިއުލާ ނެރެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޚާބު ނިންމުމަށްފަހު އަޅާނެ ޚަރަދުކުޑަކުރުމުގެ ފިޔަވަޅެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ޕީސީބީން ޚަރަދުކުޑަ ކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާއިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އަންގައިފައެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިންނާއި ޕީޖީ އޮފީސް ފަދަ ދައުލަތުގެ އޮފީސްތަކުން ވެސް ދަނީ އެފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ