ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވުމާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. ތެލުގެ އަގު ދަށަށް ދިޔައީ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. ބުދަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށެވެ،
މި ބަދަލާއެކު އެމެރިކާގެ ތެލުގެ އަގު ކަނޑައަޅާ މިންގަނޑެއް ކަމަށްވާ 'ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް' (WTI) އިން 15 އިންސައްތައަށް ވުރެ ބޮޑު ތަފާތެއް އައިސް، ފީފާއެއްގެ އަގު 96.6 ޑޮލަރަށް ވެއްޓިފައިވާއިރު، 'ބްރެންޓް ކުރޫޑް' ގެ އަގު ވަނީ 14 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސް ފީފާއެއް 93.9 ޑޮލަރަށް ތިރިވެފައެވެ. މިއީ 2020 ވަނަ އަހަރަށް ފަހު އެއް ދުވަހެއްގެ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމަށް އާދެވުނީ، ހަނގުރާމަ މެދުކަނޑާލާފައިވާ މުއްދަތުގައި ހުރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމުގެ އިޝާރާތެއް އީރާނުން ދިނުމާ ގުޅިގެންނެވެ. އީރާނުގެ ހާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މި އިންތިޒާމުތައް ކުރިއަށްދާނީ އީރާނުގެ ހަތިޔާރު އެޅި ބާރުތަކާ ގުޅިގެން ކަމަށެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރާ ހުރުމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ނުހަނު މުހިންމު ސަރަހައްދެކެވެ. ފަހަކަށް އައިސް އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ބުރޫއަރައި، މުޅި ދުނިޔޭގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާ އާއި އީރާނާ ދެމެދު ހުރި މައިގަނޑު ގިނަ މައްސަލަތަކަކަށް މިހާރު ވަނީ ހައްލު ލިބިފައެވެ. އަދި މި ލިބުނު ދެ ހަފުތާގެ މުއްދަތުގެ ބޭނުން ހިފާނީ ދާއިމީ އަދި ފުޅާ އެއްބަސްވުމަކަށް ދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުމަކަށް އާދެވުނީ ޝެހެބާޒް ޝަރީފް ބައިވެރިވެވަޑައިގެންނެވި ޑިޕްލޮމެޓިކް މަސައްކަތްތަކެއްގެ ތެރެއިންނެވެ.
މި މުހިންމު ކަނޑުގެ މަގު އަލުން ހުޅުވާލުމާއެކު، ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އޮތް ބިރުވެރިކަން ކުޑަވެ، ބާޒާރުގައި ތެލުގެ އަގުތައް ވަނީ ކުއްލިއަކަށް ދަށަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ